އައްޑު އައި ޔޮޓަކުން ޓޫރިސްޓަކު އޭނާ ގެންގުޅޭ ޕަޕީ އާ އެކު މިއަދު އައްޑޫގައި ޖޮގިން ކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ބައެއް މީހުން އެކަމާ ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
އަންހެން ޓޫރިސްޓް މިއަދު ޖޮގިން އަށް ޕަޕީ އާ އެކު އުޅުނީ މަރަދޫފޭދޫގެ ލިންކް ރޯޑާ ދިމާލުން އޮންނަ ބީޗް ސަރަހައްދުގަ އެވެ.
އެ ސަރަައްދުގެ ދޮންވެލިގަނޑުގައި ޓޫރިސްޓް އޭނާގެ ޕަޕީ އާ އެކު ދުވާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އާންވުމުން ބައެއް މީހުން ވަނީ އެ ސަރަހައްދަކީ އާންމުކޮށް މަރަދޫފޭދު އާއި ފޭދޫގެ ގިނަ ބަޔަކު ކުޑަކުދިން ގޮވައިގެން މޫދަށް އެރި އުޅޭ ސަރަހައްދެއްކަން ފާހަގަކޮށްފަ އެވެ.
އަދި އެ ފަދަ ތަނެއްގައި ޕަޕީއަކާ އެކު އުޅުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ
އެހެން ނަމަވެސް ފޮޓޯތަކުން ފެންނަ ގޮތުގައި ޕަޕީ އާ އެކު ޓޫރިސްޓް އުޅުނު ވަގުތު އެ ސަރަހައްދުން އިތުރު ބަޔަކު ފެންނާކަށް ނެތެވެ.
ބައެއް މީހުން ބުނި ގޮތުގައި އައްޑު އަށް ޔޮޓްތަކުގައި އަންނަ ބައެއް ޓޫރިސްޓުންގެ ފަރާތުން ފަހަކަށް އައިސް އާންމުން ހިތްހަމަނުޖެހޭ ކަހަލަ މަންޒަރުތައް ދަނީ ފެންނަމުންނެވެ.
މިކަން މިގޮތަށް ދިމާވަނީ އައްޑޫ ކަސްޓަމުން ބަލަންވާ ވަރަށް ނުބަލާތީ ކަމަށް ބައެއް މީހުން ބުނެ އެވެ.
އައްޑު އަށް އަންނަ ޔޮޓްތަކުގައި ވަރަށް އާންމުކޮށް ޓޫރިސްޓުން އެ މީހުން ޕެޓްގެ ގޮތުގައި ގެންގުޅޭ ކުއްތާތައް ގެނެ އެވެ. އެހެން ނަމަވެސް ރަށުތެރެއަށް ކުއްތާތައް ބާލައިގެން އުޅޭ ތަނެއް ނުފެނެ އެވެ.
މީގެ އިތުރުން މި ފަހަކަށް އައިސް ފޭދޫ ބަނދަރުގައި ޔޮޓްތައް އަޅައިގެން ނިވާކަން ކުޑަކޮށް ޓޫރިސްޓުން ތިބޭތީ ވެސް ބައެއް މީހުން އެކަމާ ހިތްހަމަނުޖެހިގެން ވާހަކަ ދައްކަ އެވެ.
ހާއްސަކޮށް އަންހެން ޓޫރިސްޓުން ބިކިނީގައި އުޅޭ މައްސަލަ ބޮޑު ކަމަށް ބައެއް މީހުން ފާހަގަ ކުރެ އެވެ.
ފޭދޫ ބަނދަރަކީ ފޭދޫގެ މޫނުމަތި ކަމަށްވެފައި އަދި އެ ސަރަހައްދަކީ ފޭދޫގެ އެންމެ ކާރޫބާރޫ ބޮޑު ވެސް ސަރަހައްދެވެ.
"ބައެއް ޓޫރިސްޓުން ބިކިނީ އާ އެކު ރަަށު ތެރެއަށް އަރައިގެން ހިނގާ ތަން ވެސް ފެނޭ. އަދި ބައެއް ފަހަރު ފިރިހެން ގެސްޓުން ވެސް ހަމައެކަނި ޖަނގިޔާކޮޅުގައި ބައިސްކަލް ދުއްވާ ތަން ވެސް އެބަ ފެނޭ،" ފޭދޫ މީހަކު ބުންޏެވެ. "ޓޫރިސްޓުންނޭ ކިޔާފައި މީހުން އުޅޭ ރަށްރަށަށް އަރައި ހިތު ހުރިހާ ގޮތަކަށް އުޅެވިގެން ނުވާނެ."