ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިފަހުން މިއަދަށް 389 ދުވަސް ވާނެ އެވެ.
ހައި ކޯޓުން ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ތާއިދުކޮށްފައި ވީ ނަމަވެސް ރާއްޖޭގެ ގިނަ ބައެއްގެ އިތުރުން ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން ވެސް ގެންދަނީ ކްރިމިނަލް ކޯޓުގެ ހުކުމުގައި ހުރި މައްސަލަތައް ފާހަގަ ކުރުމަށް ފަހު އެއަށް ފާޑުކިޔަމުންނެވެ.
ބޭސް ފަރުވާއަށް ކާނަލް ނާޒިމް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދުމުން ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދީފައި ވަނީ ހަމައެކަނި ސިންގަޕޫރަށް ދިއުމުގެ ހުއްދައަކަށެވެ.
އާއިލާގެ މާލީ ތަނަވަސްކަން ހުރި ވަރުން ސިންގަޕޫރަށް ދިއުމަށް ވުރެ އަވަށްޓެރި އިންޑިޔާ ފަދަ ޤައުމަކަށް ދިއުމުގެ ހުއްދައަށް އެދުނު ނަމަވެސް އެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ކާނަލް ނާޒިމަށް ދީފައެއް ނުވެ އެވެ.
ބޭސް ފަރުވާ އަށް އަވަސް ކުރުމަށް ޑޮކްޓަރުން ދެއްވި ލަފާއާއި އެއްގޮތަށް ޢަމަލު ކުރުމުގެ ގޮތުން ކާނަލް ނާޒިމަށް މަޖުބޫރުވެވަޑައިގަތީ، ސިންގަޕޫރަށް ވަޑައިގެން ބޭސް ފަރުވާގެ ކަންތައް ކުރިއަށް ގެންދިއުމަށެވެ.
ޖަލުގައި ބަންދުކުރެވިފައިވާ ދުވަސްތަކުގައި އެކަށީގެންވާ ވަރާ ގާތަށް ވެސް ބޭސްފަރުވާގެ ކަންތައް ގެންދެވިފައި ނުވާއިރު ރާއްޖެއިން ދެވެން ނެތް ފަރުވާތަކެއް ލިބިގަތުމަށް ރާއްޖޭން ބޭރަށް ދިއުމުގެ ހުއްދަ ކަރެކްޝަނަލް އިން ކާނަލް ނާޒިމަށް ދީފައި ވަނީ ތިން ހަފްތާގެ މުހުލަތެކެވެ.
އިތުރު މުއްދަތު ބޭނުންވާ ނަމަ އެކަން ސާބިތުކޮށްދޭ ލިޔެކިޔުންތަށް ހުށަހެޅުމުން ހަމަޖެހޭނެ ކަމަށް ވިދާޅުވެ އެ ޔަޤީންކަން ދެއްވި ނަމަވެސް ތިން ހަފްތާ ފުރިހަމަ ނުވަނީސް ފަރުވާ މެދުކަނޑާލުމަށް ފަހު އެނބުރި މާލެ އައުމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ އަންގައިފަ އެވެ.
ނަމަވެސް ކާނަލް ނާޒިމްގެ ފަރުވާ ފުރިހަމަ ކުރުމަށް ބާނުންވާކަމަށް ޑޮކްޓަރުން ވިދާޅުވަމުން ގެންދަވާތީ އެކަމާ ބެހޭ ލިޔެކިޔުންތަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއަށް ފޮނުވާ އަދި މުއްދަތު އިތުރުކޮށްދިނުމަށް އާއިލާގެ ފަރާތުން ތަކުރާރުކޮށް ވަނީ އެދިފައެވެ.
ނަމަވެސް އާއިލާގެ ފަރާތުން ތިން ސިޓީއެއް ކަރެކްޝަނަލް ސާވިސް އަށް ފޮނުވި ނަމަވެސް އެއިން އެއްވެސް ސިޓީއަކަށް ޖަވާބު ދިނުމެއް ނެތި ކުއްލިގޮތަކަށް އެންގީ 48 ގަޑިއިރު ތެރޭގައި މާލެ އައުމަށެވެ.
ކާނަލް ނާޒިމްގެ އާއިލާގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ވަނީ ފަރުވާ ފުރިހަމަ ކުރުމަށް މުއްދަތު ބޭނުންވާކަމަށް ވެސް ޑޮކްޓަރުން ތަކުރާރުކޮށް އެދެމުން ދާއިރު އެކަންކަމަށް ބެލުމެއް ނެތި ފަރުވާގެ މެދުތެރެއިން އެނބުރި އައުމުގެ ސަބަބުން ކުރިމަތި ވެދާނެ ގެއްލުމުގެ ޒިންމާ ނަގާނީ ކޮންފަރާތަކުން ތޯ ސުވާލު އުފައްދާފައެވެ.
"އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ކަމަށް އިރުޝާދުދެއްވި ޑޮކްޓަރުން ކަން ފާހަގަކޮށްލަން ބޭނުންވާ ކަމަށާއި، ހަމަ އެއާ އެކު ފަރުވާ އަދި ފުރިހަމަ ނުވާކަމާއި ފަރުވާ ފުރިހަމަ ކުރުމަށް އިތުރު މުއްދަތު ބޭނުން ވާކަމަށް ވެސް ޑޮކްޓަރުން ތަކުރާރުކޮށް އެދެމުން ދާއިރު އެކަންކަމަށް ބެލުމެއް ނެތި ފަރުވާގެ މުއްދަތު ބޭނުންވާކަމަށް ވެސް ޑޮކްޓަރުން ތަކުރާރުކޮށް އެދެމުން ދާއިރު އެކަންކަމަށް ބެލުމެއް ނެތި ފަރުވާގެ މެދުތެރެއިން އެނބުރި އައުމުގެ ސަބަބުން ކުރިމަތި ވެދާނެ ގެއްލުމުގެ ޒިންމާ ނަގާނީ ކޮން ފަރާތަކުން ތޯ ސުވާލު އުފެދެ އެވެ." ކާނަލް ނާޒިމްގެ އާއިލާގެ ފަރާތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެންމެ ސީރިއަސް ކަމެއްގެ ގޮތުގައި ނާޒިމްގެ ލޮލަށް ފަރުވާ ކުރުން ހިމެނޭ އިރު އެކަށީގެންވާ ގޮތަށް ފަރުވާ ނުކުރެވިއްޖެ ނަމަ ލޮލުގެ ފެނުން ގެއްލުމުގެ ބިރު އޮތް ކަމަށް ޑޮކްޓަރުން ތަކުރާރުކޮށް ފާހަގަ ކުރާތީ އެކަމާއި ވެސް އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކުއްލި ގޮތަކަށް ކާނަލް ނާޒިމް އެނބުރި ރާއްޖެ ވަޑައިގަތުމަށް އެންގި އެންގުމުގެ ފަހަތުގައި ސަރުކާރުގެ އިސްވެރިންގެ ނުފޫޒު އޮތުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ގިނަ ބަޔަކު ތުހުމަތު ކުރަމުންދާކަން ފާހަގަކޮށްލެވެ އެވެ.