ޕްރިމިއާ ލީގުގެ ކުރީގައި އޮތް ދެ ޓީމުގެ ތެރެއިން ލެސްޓާ އެއްވަރުވެ ޓޮޓެންހަމް މޮޅުވުުމުން ދެ ޓީމުގެ ދެމެދުގައި ގަދަ ހިފުމަކަށް ގޮސްފި އެވެ.
ދެ ޓީމަށް ބާކީ ހަތަރު މެޗު ކުޅެން ލިބިފައިވާ އިރު އަދިވެސް ފުރުސަތު ބޮޑީ ލެސްޓާއަށެވެ. ނަމަވެސް ރޭގެ މޮޅާ އެކު ޓޮޓެންހަމް ވަނީ ލެސްޓާ އަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތިކޮށްފަ އެވެ.
ސްޓޯކް ސިޓީއާ ދެކޮޅަށް ސްޓޯކްގެ ދަނޑުގައި ޓޮޓެންހަމް ކުޅުނު މެޗު ކާމިޔާބުކޮށްފައި ވަނީ 0-4 ގެ ނަތީޖާއަކުންނެވެ.
މެޗް ފެށިގެން ނުވަ ވަނަ މިނެޓްގައި ހެރީ ކޭން ވަނީ މެޗުގެ ފުރަތަމަ ގޯލް ޖަހައިފަ އެވެ. ފުރަތަމަ ހާފު 0-1 ގެ ނަތީޖާއަކުން ޓޮޓެންހަމް ކުރީގައި އޮވެ ނިމިފައިވާ އިރު ދެވަނަ ގޯލު ޖަހާފައި ވަނީ 67 ވަނަ މިނެޓްގަަ އެވެ.
މި ގޯލް ފެނިގެންގޮސްފައި ވަނީ ޒުވާން މިޑްފީލްޑަރު ޑެލީ އަލީގެ ފަރާތުންނެވެ.
މެޗްގެ ތިން ވަނަ ގޯލް ވެސް ހެރީ ކޭން ޖަހާފައިވާ އިރު ފަހު ގޯލް ޖެހީ ވެސް ކުރިން ވެސް ގޯލް ޖަހާފައިވާ އަލީ އެވެ.
އޭނާ ވަނީ ރޭގައި ޖެހި ގޯލުތަކާ އެކު ޕްރިމިއާ ލީގު ތާރީޚުގައި 10 ގޯލު އެއް ސީޒަނެއްގައި ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.
އުމުރުން 20 އަހަރުގެ އަލީ އަށް ވަނީ ރޭގައި ހެޓްރިކް ހަދާނެ ރަނގަޅު އިތުރު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.
ރޭގެ މޮޅާ އެކު ސްޕާސް އަށް 68 ޕޮއިންޓު ލިބިފައިވާ އިރު ލެސްޓާ ވެސްޓް ހެމް އާ ދެކޮޅަށް ކުޅެ އެއްވަރުވުމުގެ ސަބަބުން ލިބިފައި ވަނީ 73 ޕޮއިންޓެވެ.
ދެ ޓީމްގެ ދެމެދުގައި ފަސް ޕޮއިންޓްވާ އިރު ބާކީ އޮތީ އެންމެ ހަތަރު މެޗެވެ.
ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 60 ޕޮއިންޓް ލިިބިފައިވާ އިރު އެ މީހުން ވަނީ އެއް މެޗު މަދުން ކުޅެފަ އެވެ.
މިރޭ ނިއުކާސަލް އާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ މޮޅުވި ނަމަވެސް އެ މީހުންނަށް ދެން ލީގް ހޯދުމުގެ ފުރުސަތެއް ނެތެވެ.