ޓެރަރިޒަމް ދައުވާ އުފުލައި ޖަލަށް ހުކުމްކޮށްފައިވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓިގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި މަޝްވަރާ ކުރަން ނިންމީ ސަރުކާރު ހިންގަން ފަސޭހަ ކުރުމަށް ކަމަށް މަޝްވަރާގެ އިސްކޮށް ހަރަކާތްތެރިވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި ޝައިނީ މިގޮތަށް ވިދާޅުވީ، މިހާރު ޕީޕީއެމްގެ ހަރަކާތްތަކުން "އެކަހެރިކޮށްފައިވާ" ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިޙާން ހަސަން މަނިކުއާއި ފޯނުން ދެއްކެވި ވާހަކަފުޅެއްގަ އެވެ.
ޕީޕީއެމްގެ މަޖިލިސް މެމްބަރަކު "އައްޑޫ ލައިވް" އަށް ވިދާޅުވީ އިމްރާނާއި ނަޝީދާ އެކު މަޝްވަރާ ކުރަން ނިންމި ވާހަކަ އާއި ގުޅިގެން ނިހާން ޝައިނީ އަށް ގުޅުއްވައި މިކަމާ ގުޅިގެން ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
ނިހާން އާ ހަވާލާދީ ޕީޕީއެމް މަޖްލިސް މެމްބަރު ވިދާޅުވީ މަޝްވަރާގެ ކަންކަމުގައި ސަރުކާރުން ސީދާ އިމްރާނާއި ނަޝީދާ މަޝްވަރާ ކުރުމަށް މިހާރު ވެސް ވިސްނުން ނުގެން ގުޅުއްވާ ކަމަށެވެ.
"ޝައިނީ ވިދާޅުވި ކަމަށް ވަނީ ސީދާ އިމްރާން އާއި ނަޝީދު އާއި މަޝްވަރާ ކުރާކަށް ނެތްކަމަށް. އޭގެ ބަދަލުގައި އެމްޑީޕީއާއި އަދާލަތު ޕާޓީ އާއި އެކު ފުރަތަމަ މަޝްވަރާ ކުރާނީ އެ ދެ ބޭފުޅުން މަޝްވަރާގައި ހިމަނަން ޖެހޭތޯ. އެހެން ވެއްޖިއްޔާ ޖަލަށް ގޮސް މަޝްވަރާ ކުރާ ގޮތަށް އަބަދުވެސް ސަރުކާރުގެ ވިސްނުން ހުރީ. އެކަމަކު ސީދާ އެބޭފުޅުން ވަގުތުން ވަގުތަށް މަޝްވަރާގައި ހިމެނުމަށް ވިސްނުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ ސަރުކާރުން ނަޝީދާއި އިމްރާން މަޝްވަރާގައި ބައިވެރި ކުރުމަށް ނިންމީ ބޭސް ފަރުވާއަށް ރާއްޖޭން ބޭރުގައި ހުންނެވި ނަޝީދު އެނބުރި ރާއްޖެ ވަޑައިނުގަންނަވާނެކަން އެނގި ތިބެ އެވެ.
"ސަރުކާރަށް އެނގޭ ރައީސް ނަޝީދު ރާއްޖެ ވަޑައިނުގަންނަވާނެ ކަން. އެހެންވެ އދ. މަންދޫބު ހުރުމާ އެކު ފުރުސަތުގެ ބޭނުން ހިފައިގެން ސަރުކާރުން އެގޮތަށް ބުނީ. އަސްލު ޝައިނީ ވިދާޅުވީ ސަރުކާރު ހިންގަން ފަސޭހައަކަށް އެގޮތަށް ބުނީ ކަމަށް،" އޭނާ ވިދާޅުވި އެވެ.
މަޝްވަރާގައި ރައީސް ނަޝީދާއި އިމްރާން ބައިވެރި ނުކުރާނެ ކަމަށް މީގެ ކުރިން ތަކުރާރުކޮށް ސަރުކާރުން ބުނެފައިވެ އެވެ.