މިދިޔަ ޖޫން ޓްރާންސްފާ ސީޒަނުގައި އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ބޮޑެތި ޚަރަދުތަކެއްކޮށްފަ އެވެ.
ކުލަބުގެ އެތައް މިލިއަން ސަޕޯޓަރުންނާއި ވެރިން ވަނީ މި ކުޅުންތެރިންނަށް ވަރަށް ފޮނި އުއްމީދުތަކެއް ވެސް ކޮށްފަ އެވެ. އެހެން ނަމަވެސް ހަގީގަތަށް ވާހަކަ ދައްކާ ނަމަ މީގެ ތެރެއިން ގިނަ ކުޅުންތެރިންވީ ފޮލޮޕުންނަށެވެ.
އަލަށް ކުލަބާ ބައިވެރިވި ކުޅުންތެރިން އެކަންޏެއް ވެސް ނޫނެވެ. ކުރިން ޓީމުގައި ތިބި ކުޅުންތެރިންނާއި ކޯޗް ވެސް ވެފައި ވަނީ ބޮޑު ފްލޮޕަކަށެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓުމާ، ޔޫރޮޕާ ލީގުންވެސް އެފަދަ ގޮތަކަށް އަލްވަދާއު ކިޔަން ޖެހުމުގެ އިތުރުން ތައްޓަށް ވާދަ ކުރާ ޓީމެއްގެ ބަދަލުގައި ޗެމްޕިއަންސް ލީގުން ޖާގައަކަށް ވާދަ ކުރުމުގައި ސީޒަނުގެ ބޮޑު ބައި ހޭދަ ކުރަން ޖެހުން މިކަމުގެ ހެއްކަކަށް ފުދެ އެވެ.
ނަމަވެސް މިކަން މިގޮތަށް ގޮސްފައިވީ ނަމަވެސް ތިން ކުޅުންތެރިންނެއް ވަނީ ސަޕޯޓަރުންގެ ހިތްތައް އަތުލައިފައެވެ. އެ ކުޅުންތެރިންނަކީ ކޮބައިތޯ ބަލަލާމާ ހިނގާށެވެ.
* ޑޭވިޑް ޑެހެއާ
ސްޕެއިންގެ ޒުވާން ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މިދިޔަ ދެސީޒަނާއި ހާއްސަކޮށް މިސީޒަނުގައި ޔުނައިޓެޑް އޭނާގެ ކޮނޑަށް ލައިގެން މި ހިސާބަށް ގެނެސްފައިވާ ކުޅުންތެރިޔާ އެވެ.
ހަނި ނަތީޖާއަކުން މޮޅުވެފައިވާ ހުރިހާ މެޗެއްގައި ޓީމަށް އެހީތެރިވެފައި ވަނީ ގޯލް ޖެހި ކުޅުންތެރިންނަށް ވުރެ ވެސް ބޮޑަށް ގޯލް ކީޕަރެވެ. ފާއިތުވެ ދެ ސީޒަނުގައި ވެސް ޕްލެޔާ އޮފް ދަ ސީޒަން ހޯދައިފައިވާ ޑެހެއާއަކީ މި ސީޒަނުގައި ވެސް އެ މަގާމަށް ވާދަ ކުރާ ބަތޮލެކެވެ.
* އެންތޮނީ މާޝިއަލް
ސެޕްޓެމްބަރު 1، 2015 ގައި ޔުނައިޓެޑަށް އަލަށް ސޮއި ކުރި ކުޅުންތެރިޔާ ވީ ގިނަ ބަޔެއް ހައިރާން ކުރުވި ކުޅުންތެރިއަކަށެވެ.
އުމުރުން އެންމެ 19 އަހަރުގެ ކުޅުންތެރިޔަކަށް 36 މިލިއަން ޕައުންޑް ހޭދަކޮށްފައި ގެނައުންވީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވި ކަމަކަށެވެ.
ނަމަވެސް އޭނާގެ މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ މެޗުގައި ދުވަސްވީ ރައިވަލް ލިވަޕޫލް ކޮޅަށް ވަނީ އެޓީމުގެ ޑިފެންސް ލައިން ފޫއަޅުވާލައިފައި ގޯލު ޖަހައިފަ އެވެ.
މިގޯލާ އެކު އޭނާއަށް ފާޑުކިޔުނު ފަރާތްތަކުން މަދުވެ ދުވަހަކަށް ފަހު ދުވަހެއް ކުޅުން ރަނގަޅުކޮށް މުހިއްމު ގޯލު ޖަހައި އެންމެ ފަހަކަށް މިހާރު އޭނާ އަށް ފާޑުކިޔާ ފަރާތްތަކުން ވަނީ ފެންނަހާ ހިސާބުން ދުރަށް ގޮސްފަ އެވެ. އޭނާއަކީ މި ސީޒަނުގައި ޔުނައިޓެޑަށް އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ.
* ކްރިސް ސްމޯލިންގ
އެއް ނަންބަރު ކީޕަރު ޑެހެއާ އެއް ފަރާތްކޮށްފި ނަމަ ޔުނައިޓެޑްގެ އެންމެ މުހިންމު ކުޅުންތެރިޔަކަށް މި ސީޒަނުގައި ކުޅުނު ކުޅުންތެރިޔަކަށް ވާނީ ސްމޯލިން އެވެ.
ފުރަތަމަ މެޗުން ފަށައިގެން މި ސީޒަނުގެ ކޮންމެ މެޗެއްގައި ވެސް އޭނާގެ ފުރިހަމަ 100 ޕަސަންޓް ދައްކަމުން އަންނަ ސްމޯލިން ވަނީ ކީޕަރު ފަހަނަޅައި ފޮނުވާލައިފައިވާ ބޯޅަތައް ވެސް އޭނާގެ ހަށިގަނޑު ބޭނުންކޮށްގެން ވެސް ގޯލުގެ ތެރެއަށް ވަދެނުދީ ހިފަހައްޓައިފަ އެވެ.
އޭނާއަކީ ޔުނައިޓެޑްގެ ބޮޑު ފާރުގެ ގޮތުން މަޝްހޫރުވެފައިވާ ޑިފެންޑަރެވެ.