Last Updated: November 23, 21:59
Saturday, November 23, 2024
ކުޅިވަރު

"ގޯދިއްޔާ 2016" އަށް ފުރުސަތު ހުޅުވާލައިފި

ގޯދިއްޔާ ކަޕް 2015 ގެ ޗެމްޕިއަން ޓީމް ފޭދޫ ހަބޭސް.

މަރަދޫ ގޯދިއްޔާ ޖަމިއްޔާ އިން ބާއްވަމުން އަންނަ މި އަހަރުގެ ފުޓްސަލް މުބާރާތަށް ފުރުސަތު ހުޅުވާލައިފި އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ މި މުބާރާތަށް މި ފަހަރު 13 ޓީމެއް ކޮލިފައިވެފައިވާ އިރު، ޓީމްތަކުން މުބާރާތުގައި ބައިވެރިވާން އެދި ރަސްމީކޮށް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށް ގޯދިއްޔާ އިން ބުންޏެވެ.

އެ ޖަމިއްޔާ އިން ބުނީ މުބާރާތުގައި ބައިވެރިވާން އެދޭ ޓީމްތަކުން އަންނަ މަހުގެ ފަސް ވަނަ ދުވަހު ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ފޯމް ދޫރަން ފަށާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ.

އާންމުކޮށް 20 ޓީމާ އެކު ބާއްވާ މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް ދޫކުރާނީ މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކަމަށް ވެސް ގޯދިއްޔާ އިން ބުންޏެވެ.

މަރަދޫ ވެންބޮޅަފިށި ސްޓޭޑިއަމްގައި ރޭގަނޑު މެޗްތައް ކުޅޭ މި މުބާރާތް މި ފަހަރު ކުރިއަށް ދާނީ ޖޫން މަހުގެ 12 އިން ޖުލައި މަހުގެ 5 ވަނަ ދުވަހާ ހަމައަށެވެ.

13007260_10208967767212555_3010461287169468487_n

މިދިޔަ އަހަރު މިޓްސުބިޝީން ސްޕޮންސަކޮށްގެން ޗެމްޕިއަން ޓީމަށް 60،000ރ. ދިން މުބާރާތް ކާމިޔާބުކޮށްފައި ވަނީ ފޭދޫ އެފްސީ ހަބޭސް އެވެ.

ގޯދިއްޔާ ފުޓްސަލް މުބާރާތަކީ 2010 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. އަދި މިއީ އައްޑޫގައި ބާއްވާ އެންމެ ބޮޑު، އެންމެ ފޯރި ގަދަ ފުޓްސަލް މުބާރާތް ވެސް މެ އެވެ.