"ދިވެހިންނަކީ ﷲ ގެ ދެވަނަ ދަރިން ނޫން" ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އެ މަނިކުފާނަށް ނަސޭހަތްތެރި ވާން ޖެހޭނެ ކަމަށް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެ އެވެ.
"ކުފުރު" ގެ ބަހުރުވަކުން ރޭ ރައީސް ޔާމީން ވާހަކަ ދެއްކެވި ރަސްމިއްޔާތުގައި އަތްތިލަ ބަޑި ޖައްސަވަން އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރު ވެސް އިންނެވި އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިވެހިންނަކީ ދިވެހިންގެ ކަންކަން އަމިއްލަ އަށް ނިންމޭ ވަރުގެ ޤާބިލުކަން ހުރި ބައެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެންނަށް ނިންމޭ ވަރުގެ ޤާބިލުކަން އިރާދަކުރެއްވިއްޔާ ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާފައި ވަނީ. އަޅުގަނޑުމެންނަކީ ﷲ ގެ ދެވަނަ ދަރިންނެއް ނޫން. އަޅުގަނޑުމެންނަކީ އެހެން ޤައުމުތަކުގައި ވެސް ތިބި ފަދަ އިންސާނުން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ މި ވާހަތަކާ ގުޅިގެން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރައީސް ޔާމީނަށް ނަސޭހަތްތެރިވެ، ކަން އޮތް އިސްލާމިކް މިނިސްޓްރީން ސާފުކޮށް ދޭން ޖެހޭ" ކަމަށެވެ
"ގައުމުގެ ވެރިމިހާ ﷲ އަށް ޝިރުކް ކުރެވޭ މި ޒާތުގެ ވާހަކަތައް ދެއްކެވެމުން އިންތިހާ އަށް ކަންބޮޑު ވާން ޖެހޭ،" ﷲ އަކީ އެއްކައުވަންތަ ކަލެއްގައި އަންގައިދޭ އަހަދު ސޫރަތާ އެކު ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ރައީސްގެ ވާހަކަތަކާ ގުޅިގެން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސައިން ވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ "ގައުމުގެ ވެރިމީހާ އަށް މިހާރު ދެއްކޭ ނުދެއްކޭ ވާހަކަ ވެސް ނޭނގޭ" ކަމަށެވެ.
"ﷲ ސުބުހާނަހޫ ވަތައާލާ އަށް ދަރިކަލަކު ނިސްބަތް ނުކުރެވޭކަން ވެސް އެނގިވަޑައި ނުގަންނަވަނީބާ؟ ދިވެހިންގެ ވެރިޔާގެ ހާލުކޮޅު މިހާ ދަށު ދަރަޖަ އަށް ވެއްޓިގެންދާ އިރު ވެސް މަނިކުފާނަށް ވިސްނައި ދެވޭނެ މީހަކު ވެސް އަޅުގަނޑުމެންގެ ތެރޭގައި ނުވަނީތޯ؟" ޝެއިހް އިލްޔާސް ވިދާޅުވި އެވެ. "ހުރި ހިތާމައެއްގެ ބޮޑުކަމާ އެވެ. ޔާ ﷲ އަޅަމެންނަށް މި ނޫން ގޮތެއް މެދުވެރި ކުރައްވާދޭވެ. އާމީން."