މިއީ އައްޑޫގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އޮންނަ މައްސަލައެކެވެ. ފަހަރެއްގައި އައްޑޫ ރައްޔިތުން އެކަންޏެއް ވެސް ނޫނެވެ.
ތަރައްޤީގެ މަޝްރޫޢު ހިންގަނީ ތިމާ ތާޢީދު ނުކުރާ ސަރުކާރުން ނަމަ، އެކަމަށް ބެލެވެނީ ނަފްރަތުގެ ނަޒަރަކުންނެވެ. ކިތަންމެ ރަގަޅު ކަމެއް ވިޔަސް އެކަން ވަނީ ގޯސް ކަމަކަށެވެ. ގޯސްކޮށް ހިނގާ ކަމެއްގެ ވާހަކަ ސަރުކާރާއި ނުވަތަ އެ މަސައްކަތެއް ކުރާ ފަރާތާއި ދެމެދު ދައްކާކަށް ބޭނުމެއް ނުވެއެވެ.
މަޝްރޫޢު ތަކުގައި ހުންނަ މައްސަލަތައް ފާހަގަ ކުރުމުގެ ބަދަލުގައި އެކަންތަކަށް ބިނާކުރުވަނިވި ފާޑުކިޔަން ޖެހެއެވެ. އަދި ބިނާކުރުވަނިވި ފާޑުކިޔުންތަކަށް ޖާގަ ދޭން ވެސް ޖެހެއެވެ. ޚާއްސަ ގޮތެއްގައި ބޮޑެތި މަޝްރޫޢުތަކުގެ އީއައޭ ހަދާއިރު އާންމު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ވެސް އެކަމުގައި ހޯދަން ޖެހެެއެވެ. އެއީ ބައިނަލްއަޤްވާމީ މުޖްތަމަޢްގައި އެކަން ކުރާ އުސޫލު ވެސް މެއެވެ.
އައްޑޫ ސިޓީ، ފޭދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްޓަކައި ބައުންޑަރީ ވޯލް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ފޭދޫ ރައްޔިތުންގެ މޫނު މަތިން ފެންނަމުންދަނީ އުފާވެރިކަމުގެ މަންޒަރުތަކެވެ.
ފޭދޫ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތާއި މެދު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބައެއް ރައްޔިތުން ހިއްސާކުރަން ބޭނުންވި ނަމަވެސް އެ ފުރުސަތު ވަކި ފިކުރެއްގެ މީހަކަށް ނުވުމުން ނުލިބުނު ރައްޔިތުން އެބަތިއްބެވެ. މަޖިލިސް މެންބަރުންނާއި ސަރުކާރުގެ ވަފްދު ވަޑައިގަތުމުން ބައްދަލުކުރަން ބޭނުންވި އެހެން ނަމަވެސް އެ ފުރުސަތު ޕީޕީއެމް މެންބަރަކަށް ނުވުމުން ނުލިބުނު ފަރާތްތައް އެބަތިއްބެވެ.
"ކޮންމެ ރައްޔިތަކަށް އުނދަގޫވޭ ޕީޕީއެމް އޮފީސް ދޮށަށް ދާން. އެ ނޫން ޕްލެޓްފޯމެއް އިންނަން އެބަޖެހޭ ރައްޔިތުންގެ ހިޔާލު ހިއްސާކުރުމަށް. މިވާގޮތަކީ ޕީޕީއެމް ސަރުކާރު ވީމާ އެމްޑީޕީ މެންބަރުން މިތިބެނީ އަމިއްލައަށް ބާކީވެގެން." ފޭދޫ ވިޔަފާރިވެރިޔަކު ބުންޏެވެ.
އައްޑޫ ސިޓީގެ އެހެން ރަށްތަކަށް ބަލާއިރު ވެސް ފެންނަމުން ދަނީ މިފަދަ މަންޒަރުތަކެވެ. ހިތަދޫގައި ސަރުކާރުން އަޅަމުން ގެންދާ ފްލެޓްތަކުގެ މަސައްކަތް ހިނގާ ގޮތާއި ބެހޭ މައުލޫމާތު އެހާ ސާފުކޮށް ރައްޔިތުންނަށް އެނގޭނެ ގޮތެއް ނެތެވެ.
އެހެން ނަމަވެސް ފްލެޓް އަޅާ ސަރަހައްދާއި ބެހޭގޮތުން، ރައްޔިތުންގެ ޝަކުވާ ތަކެއް ވެސް އެބަހުއްޓެވެ. އެ ސަރަހައްދުގައި ޤާއިމްކުރަން ޖެހޭނެ ކަމަށް ރައްޔިތުން ޤަބޫލުކުރާ ވަސީލަތްތަކެއް ވެސް އެބަހުއްޓެވެ. އެހެން ނަމަވެސް ރައްޔިތުންނާއި ސަރުކާރާއި ދެމެދު ފާޑުކިޔުންތައް ބަލައިގަތުމަށް އެކަށީގެންވާ ޕްލެޓްފޯމެއް އޮތޭ ދެންނެވޭކަށް ނެތެވެ.
ހައުސިން މިނިސްޓްރީގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ ގުޅުން އެހާ ރަގަޅެއް ނޫނެވެ. ބީރައްޓެހިކަން ނައްތާލައި ރައްޔިތުންނާއި ގުޅިގެން މަސައްކަތްތަކެއް ކުރަން މިވަނީ ޖެހިފައެވެ.
ދާދިފަހުން ހިތަދޫއަށް ވަޑައިގެންނެވި ސަރުކާރުގެ ވަފްދު ހިތަދޫ ރައްޔިތުންނާއި ބައްދަލުކުރި އިރު ފެނިގެން ދިޔައީ، ޕީޕީއެމްގެ އިސް އެކްޓިވިސްޓުންނާއި ބައްދަލުކުރި މަންޒަރެވެ. އާންމު ރައްޔިތުންގެ ތެރެއިން މީހުންނެއް ނުފެނެނުނެވެ.
"އަސްލު އާންމު މީހުން އެބަޖެހޭ އެންގޭޖް ކުރަން. ޕީޕީއެމް ވެސް އެމްޑީޕީ ވެސް މައްސަލައަކީ، އެބައެއްގެ ސަރުކާރުގަ ގާތް މިކުރަނީ ބޮޑަށް އެމީހުންގެ މީހުން. އެއްކަލަ މިނިވަން ހިޔާލުގެ ރައްޔިތު މީހާ ބާކީ ކުރެވޭ މަންޒަރު ފެންނަނީ. ތަރައްޤީގައި އެބަޖެހޭ އެއްބާރުލުން ދޭން އެންމެން." އައްޑޫ ހައި ސްކޫލްގެ އިސްވެރިޔަކު ބުންޏެވެ.
އައްޑޫގެ މިލްކުވެރި ބަޔަކީ ހަމަ އައްޑޫގެ ލޮބުވެތި ރައްޔިތުންނެވެ. މިއީ އެމްޑީޕީ ނުވަތަ ޕީޕީއެމް ހަރު މުދާގަނޑެއް ވެސް ނޫނެވެ.
އައްޑޫގައި ތަރައްޤީގެ މަޝްރޫއޫތައް ކުރިއަށް ގެންދާއިރު އެކަން ހިނގާ ނުހިނގާ ގޮތް ބަލައި އެކަމަށް އެއްބާރުލުންދޭ ބަޔަކަށް އަޅުގަނޑުމެން އައްޑޫ ރައްޔިތުން ވާން އެބަ ޖެހެ އެވެ.
ސަރުކާރުން ރައްޔިތުންގެ އަޑު ނާހާ ވާހަކަ ދައްކާނީ، ފުރަތަމަ އެކަމަށް އަމިއްލަ އަށް އިސްނެގުމަށް ފަހު އެފުރުސަތު ނުލިބިއްޖެ ނަމަ އެވެ.