ރާއްޖޭގައި އެންމެ މަޝްހޫރު ޑައިވިން ސްޕޮޓްތައް ހުރި އައްޑޫގެ ކޯއްޓޭ މޫދަށް ކުނި އަޅާ މައްސަލަ ހައްލު ނުވެ، މިކަން ކުރިއަށްދާތީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
ކޯއްޓޭ މޫދަށް ކުނި އަޅާ މައްސަލަ މިދިޔަ އަހަރު މަރަދޫ އެކްއަ ޑައިވިން ސެންޓަރުގެ ފަރާތުން ވެސް ވަނީ ކަމާ ބެހޭ އެކި ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފަ އެވެ. އަދި އެ މަންޒަރުތައް އެ ސެންޓަރުން ވަނީ ވީޑިއޯ ވެސްކޮށްފަ އެވެ.
އޭގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ އިތުރުން އެންވަަރަމަންޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ ހިމެނެ އެވެ.
ކޯއްޓޭގެ އިތުރުން އައްޑޫގެ މޫދާއި ކަނޑުގެ އެކި ސަރަހައްދުތަކަށް ކުނި އަޅާތީ އައްޑޫގައި ހިންގާ ރިސޯޓްތަކާއި ހޮޓާތަކުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މޫދުން އުކައިލާ ކުނީގެ މައްސަލަތައް އެންމެ ބޮޑަށް ތަޖުރިބާ ކުރަމުން އަންނަ އެކްއަ ވެންޗާގެ ޑައިވަރަކު ބުނީ ކޯއްޓޭ ސަރަހައްދަށް ޑައިވް ކުރާ ކޮންމެ ދުވަހެއްގައި އެތައް ބާވަތެއްގެ ގިނަ އަދަދެއްގެ ކުނި ފެންނަމުންދާ ކަމަށެވެ.
"އަހަރެމެންނަށްވީ ވަރަކުން ކުނި ނަގަން ވެސް އެބަ ނަގަން. އެކަމަކު ނަގާ ވަރަކަށް އަޅާތީ މިކަމަށް ހައްލެއް ނެތް. މިއީ ވަރަށް ސީރިއަސް މައްސަލައެއް. އެ ސަރަަހައްދުގެ ފަރު ވެސް މުޅިން ހަލާކު ވަނީ މި ސަބަބާ ހުރެ،" އޭނާ ބުންޏެެވެ.
އޭނާ ބުނީ މިގޮތަށް ދާއިމީކޮށް ކުނި އަޅައި އައްޑޫގެ މޫދު ހަޑި ކުރާ ނަމަ، ޑައިވް ކުރަން އައްޑު އަށް އަންނަ ޓޫރިސްޓުން ވެސް އެކަން ހުއްޓައިލާނެ ކަަމަށެވެ.
"މިހާރު ވެސް ވަރަށް ގިނަ ޓޫރިސްޓުންގެ ޝަކުވާތައް. މިގޮތަށް ކުނި އަޅާފައި ހުންނަ މަންޒަރު ފެނުމުން ޓޫރިސްޓުން ތިބެނީ ހައިރާންވެފައި،" އޭނާ ބުންޏެވެ.