ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގުރޫޕު (ސީމެގް) ގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ކުރަން އެންގި ކަންކަން ލަސްނުކޮށް ތަންފީޒު ކުރުމަށް އަދާލަތު ޕާޓީ އިން ގޮވާލައިފިއެވެ.
އަދާލަތު ޕާޓީ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ލީޑަރުން ނުހައްގުން ހައްޔަރުކޮށްގެން ގެންގުޅޭ ގެންގުޅުމާއި ޝަރުއީ ނިޒާމު ދުވަހެއް ދުވަހަކަށް ދޯޅަހިވެ ރައްޔިތުންގެ އިތުބާރު ގެއްލެމުން އަންނަ މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.
ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށާއި ވާދަވެރި ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ބޭނުންވާ އިތުބާރު ގާއިން ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ސީމެގުން އަންގާފައިވާ އެންގުމަކީ އަދާލަތު ޕާޓީއިން އަބަދުވެސް ސަރުކާރަށް ގޮވާލާ ގޮވާލުމެއް ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ނޫސްވެރިކަމާއި މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ ހައްގަށް ކުރިމަތިކުރުވާ ހުރަސްތަކާމެދު ސީމެގްއާއި ބައިނަލް އަގްވާމީ އެހެނިހެން ޖަމާއަތްތަކާއި ގައުމުތަކުން ފާޅުކުރަމުންދާ ހިޔާލުތަކާއި އިރުޝާދުތައް ބަލައިގެން އެކަންކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އަދާލަތުން ވަނީ ގޮވާލާފައެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މަޝްހަރު ފިނިކޮށް، ހަމަޖެހުމާއި އަމާންކަން ޤާއިމް ކުރުމުގައި ދިވެހި ސަރުކާރުން އެއްވެސް މިންވަރެއްގެ ކުރިއެރުމެއް ހޯދާފައިވާ ނުވާތީ އެކަމާއި އަދާލަތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.