ދިވެހިރާއްޖޭގެ ގިނަ ބަޔަކު އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ. މާލެ ފިޔަވައި ރާއްޖޭގައި އެންމެ ތަރައްޤީވެފައިވާ ތަނަކީ އައްޑޫއެވެ. ނުވަތަ މިހާރުގެ ބަހުރުވައިން ނަމަ އައްޑޫ "ސިޓީ" އެވެ. އައްޑޫއަށް ނިސްބަތްވާ ކޮންމެ މީހަކު ވެސް ފަޚުރުވެރިކަމާއި އެކު ބުނެލަނީ، ތިމަންނާ އަކީ އައްޑޫ ސިޓީގެ މީހެއް ކަމެވެ. އައްޑޫ ސިޓީ ކައުންސިލުން އިޝްތިހާރު ކުރާ ގޮތުން މިއީ "ދަ ފައިނެސްޓް" ސިޓީ އެވެ.
ރާއްޖޭގެ އެހެން އެއްވެސް ރަށެއް ނުވަތަ ސަރަޙައްދެއްގައިވެސް ނެތްފެންވަރަށް މަގުތައް ހަދާފައިވާ އަތޮޅެއްގެ ގޮތުގައި އެއްބަޔަކު އައްޑޫ މަޝްހޫރުކޮށް ފަޚުރެވެރިވި ޒަމާން މާޒީވެ ހިނގައްޖެއެވެ. 13 ކިލޯމީޓަރަށް ތާރުއަޅައިގެން ހަދާފައިވާ ދިގު ލިންކްރޯޑްގެ ބައެއް ހިސާބުތަކުގެ ތާރު ގަނޑުގެ ބޯމިނުގައި އެއް އިންޗިވެސް ނެތްއިރު މަގުގައި ހެދޭ ވަޅުގަނޑުތައް މަރާމާތުކުރުން އެއީ ނުނިމުނު މަސައްކަތެކެވެ.
އައްޑޫއަކީ ބިމުގެ ގޮތުން ބޮޑު ސަރަޙައްދެއްކަމަށްވެފައި ދަތުރުފަތުރުކުރުމަށް ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދު ދުއްވަމުން އަންނައިރު އައްޑޫގެ ރަށްތަކުގެ ވެލި މަގުތަކުގެ ޙާލަތުގެ ވާހަކަ އަކީ އެންމެންނަށް ވެސް އެނގޭ އެކަމަކު ނުދައްކާ ވާހަކައެކެވެ. ބައެއް ފަހަރު ފަރުބަދަމަތިން ދަތުރުކުރާކަމުގެ އިޙުސާސް ކުރެވޭ އިރު ވާރޭ ވެހިއްޖެނަމަ ދެން ދުއްވާ އެއްޗަކަށް ހިނގާ ބިނގާވެ އުޅޭމީހަކަށްވެސް ސަލާމަތެއްނެތެވެ. ވިއްސާރަ މޫސުމުގައި ސްކޫލަށް ކުދިން ދަނީ ފެންގަނޑުގައި ފަތާފައެވެ.
އައްޑޫގައި ސާނަވީ ތަޢުލީމު މާލެއާ އެއްފެންވަރަށް ނުވަތަ ބައެއްފަހަރު އެއަށްވުރެ ރަގަޅަށްވެސް ދެވެއެވެ. ސާނަވީ އިމްތިޙާނުތަކުގައި ރާއްޖޭގެ އެހެން ސްކޫލްތަކަށް ގޮންޖަހާލައި މަތީ ނަތީޖާ އައްޑޫގެ ސްކޫލްތަކުން ހޯދަމުން ދިއުމަކީ އައްޑޫގެ ރައްޔިތުން ފަޚުރުވެރިވުން ޙައްޤުކަމެކެވެ. ނަމަވެސް މަތީ ފާސްތައް ހޯދާ ކުދިންނަށް މައްސަލަތަކާ ދިމާވަނީ ސްކޫލް ނިންމާ ވަޒީފާގެ މައިދާނަށް ނިކުންނަންޖެހުމުންނެވެ.
އައްޑޫގައި ވަޒީފާ އަދާކުރާމީހުންގެ ތެރެއިން 80 އިން ސައްތައަށް ވުރެ ގިނަ މީހުންނަކީ ސަރުކާރުގެ ނުވަތަ ދައުލަތުގެ ކޮންމެވެސް ވަޒީފާއެއް އަދާކުރާ މީހުންނެވެ. ކޮންމެ އަހަރަކު އައްޑޫގެ އެތައް ސަތޭކަ ކުދިން ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނު ނިންމާއިރު އެކުދިން އަދާކުރާނެ ވަޒީފާއެއް އައްޑުގައި ނެތެވެ. ދެން އޮތީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ބޮޑުވެފައިވާ މައްސަލައެވެ. ސިޔާސީ މީހެއްގެ ފައިބުޑަށް ވެއްޓި އާދޭސް ނުކޮށް ވަޒީފާއެއް ލިބޭނެ ގޮތެއް ނޯވެއެވެ.
އައްޑޫގައި ދެ ރިސޯޓެއް ހިންގާއިރު އެ ރިސޯޓްތަކަށް އެކަށީގެންވާ ވަރަކަށް ގެސްޓުން ގެންނަން ރޫމް ރޭޓްތައް ދަށްކުރަން މަޖުބޫރުވެފައި ވުމުގެ ސަބަބުން، އިތުރު ބަޔަކު ވަޒީފާއަށް ނެގުމުގެ ވިސްނުމެއް ރިސޯޓް އޯނަރުންގެ ނެތެވެ. އެހެންކަމުން، ސްކޫލް ނިންމާ ކުދިން މަގުމަތިވާން ބޭނުންނުވާނަމަ ދެން އޮންނަ ހަމައެކަނި ފުރުސަތަކީ ރަށުން ބޭރަށް ވަޒީފާ ހޯދަން ހިޖުރަކުރުމެވެ.
ގިނަ ޒުވާނުން މިސްރާބު ޖަހަނީ ޓުއަރިޒަމް އިންޑަސްޓްރީއަށެވެ. ދެން އޮތް ހަމައެކަނި ޗޮއިސް އަކީ، 'ކުލިދައްކަން' މާލެ ދިއުމެވެ. އެގޮތަށް ނުރުހި ރަށުގައި މަޑުކުރާ ކުދިންގެ ތެރެއިން އެތައް ބަޔަކު ކޮންމެ އަހަރަކު ވެސް 'މަގުމަތި' ވެއެވެ. އެކަން ޙައްލުކުރުމަށް މިހާތަނަށް އައި އިރު އެއްވެސް ސަރުކާރެއްގެ ޕްލޭނެއް ނެތެވެ. އިންތިޙާބު ތަކާއި ދިމާކޮށް ރައްޔިތަކަށް ވަޒީފާއެއްގެ ހުވަފެން ދެއްކިޔަސް އައްޑޫގެ ވަޒީފާގެ މައްސަލައަށް އެއްވެސް ޙައްލެއް ނާދެއެވެ. ވަޒީފާއެއްނުލިބެއެވެ. ހަމައެކަނި ހުވަފެންތަކެވެ.
އައްޑޫގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެކަށީގެންވާ ސިއްޙީ ޚިދުމަތްތަކެއް ލިބެން ނެތުމެވެ. އަތޮޅުގެ ހުރިހާ ރައްޔިތުން ޚިދުމަތް ހޯދާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ހުރި މައްސަލަތަކުގެ ވާހަކައަކީ ދައްކައި ހުސްނުވާނެ ވާހަކަތަކެވެ. ދެ ދުވަހު ހަމައަށް ޑޮކްޓަރަކު ނުހުންނައިރު ހޮސްޕިޓަލްގެ ހުރިހާ މެޝިންތައް މަސައްކަތްކުރާ ޙާލަތެއްގައި ހުރެއްޖެނަމަ އެއީ "ފަންޖެހި" ޕިކަޕެއްގައި ރަށް ވަށައި ދުއްވަން ޖެހޭ ވަރުގެ ކަމެކެވެ.
ކިތަންމެ ކުޑަ އެކްސިޑެންޓެއްވިޔަސް 'އިތުރު ފަރުވާ' އަށް މާލެއަށެވެ. ލޭގެ ޓެސްޓެއް ހަދަން ވިޔަސް މާލެ އަށެވެ. ހޮސްޕިޓަލުން ސްކޭނެއް ނުކުރެވޭއިރު އެކްސްރޭ މެޝިން ގިނަފަހަރު ހުންނަނީ ހަލާކުވެފައެވެ. މެޑިކަލް ނެގްލިޖެންސްގެ ޙާދިސާތައް ތަކުރާރުކޮށް ކުރިމަތިވެ ހޮސްޕިޓަލަކީ ފަރުވާ ހޯދަންދާ ބައެއް މީހުންނަށް 'ނުރައްކާތެރި ތަނެއް' ގެ ގޮތުގައި ސިފަކުރެވޭއިރުވެސް އެކަންކަން އިސްލާޙުކުރެވޭތަނެއް ނާދެއެވެ.
އަންހެނުންގެ ޑޮކްޓަރެއްނެތި ފޫޅުމައިން ގެނެސްގެން ވިއްސަންޖެހިފައިވަނީ މަދެއްކޮށެއްނޫނެވެ. ކުޑަކުދިންގެ ޑޮކްޓަރެއްނެތި ޒަމާންތަކެއް ފާއިތުވެދާނެއެވެ. ރައްޔިތުންގެ ޝަކުވާތައް ފުނިފުންޏަށް ހުއްޓެއްކަމަކު ޢާއްމު ރައްޔިތުންނާ ބައްދަލުކުރަންތިބޭ އާދައިގެ މުވައްޒަފުން އެމީހުންނަށް ކުރެވުނުވަރަކުން ޚިދުމަތްތައް ދެވޭތޯ މަސައްކަތްކުރެއެވެ. އެހެނަސް އެކަންކަން ފާހަގަކުރާނެ ބަޔަކު މެނޭޖްމެންޓުގައި ނުތިބެއެވެ.
އައްޑޫގެ ހޮސްޕިޓަލް ފެންވަރު ރަގަޅުކޮށް މުޅިން އާ ހޮސްޕިޓަލެއް އެޅުމަކީ 2002 ވަނަ އަހަރުން ފެށިގެން ކޮންމެ ސަރުކާރަކުންވެސް އައްޑޫ ރައްޔިތުންނަށް ދައްކަމުންދާ ހުވަފެނެކެވެ. ޙަޤީޤަތަކަށް ނުވި ހުވަފެނެކެވެ. އާ ހޮސްޕިޓަލަށް ފައިސާ ހަމަޖެހުނުކަމަށް އެކި ފަހަރުމަތީން އިޢުލާނުކުރި ޢަދަދެއްވެސް ނޭނގެއެވެ. ހޮސްޕިޓަލް ހުޅުވާނެ ދުވަހާއި ޑިޒައިނާއި އެތަނުގައި ހުންނާނެ އެނދުތަކާއި ލިބޭނެ މޮޅެތި ޚިދުމަތުގެ ވާހަކަ އަޑުއަހައި ފޫހިވެއްޖެއެވެ. ހޮސްޕިޓަލްގެ ވާހަކައަކީ ގިނަ ރައްޔިތުންގެ ނަޒަރުގައި ޙަޤީޤަތަކަށް ނުވި ހުވަފެނެކެވެ