ދުނިޔޭގެ ފެންވަރުގެ ފުޓުބޯޅަ އެކަޑަމީއެއްކަމަށްވާ ވޮސްޕެކް ފުޓުބޯޅަ ޕްރޮގްރާމްގައި ބައިވެރިވެ ކުޅެމުން އަންނަ 16 އަހަރުގެ މިރާޝް އިމްތިޔާޒް އަކީ މިވަގުތު ރާއްޖޭގައި އޭނާގެ އުމުރުފުރާގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. 3 ސީޒަން ވަންދެން ވޮސްޕެކްގައި ކުޅެމުން އަންނަ އިރު މިރާޝް ވަނީ ކުޅުންތެރިޔެއްގެ ގޮތުގައި ވަރަށް ކުރި އަރާފައެވެ.
16 އަހަރުން ދަށަށް އޭނާ ކުޅެމުންއަންނަ ނަމަވެސް އޭނާގެ ހުނަރުވެރިކަމުގެ ސަބަބުން އޭނާ އަށް ވަނީ 19 އަހަރުން ދަށުގެ ޓީމާއެކު ތަމްރީން ކުރުމުގެ ފުރުސަތުވެސް ލިބިފައެވެ. ވޮސްޕެކްގައި ހޭދަ ކުރި ތިން އަހަރުގެ ތެރޭގައި ހޯދާފައިވާ ކުރިއެރުމުގެ ސަބަބުން އޭނާ އަށް ވަނީ މިހާރު އިނގިރޭސިވިލާތުގެ އެއްވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ކްރިސްޓަލް ޕެލެސްގެ 17 އަހަރުން ދަށުގެ ޓީމަށް ކުޅުމަށް ހޮވިފައެވެ.
އަންނަ ސީޒަނުގައި އޭނާ ފެނިގެން ދާނީ ކްރިސްޓަލް ޕެލެސްގެ 17 އަހަރުން ދަށުގެ ޓީމުންނެވެ. އެޓޭކިން މިޑްފީލްޑަރެއްގެ މަގާމުގައި ކުޅެމުން އަންނަ މިރާޝް އަކީ ވިންގަރެއްގެ ރޯލުގައިވެސް ކުޅޭ ކުޅުންތެރިއެކެވެ. ބޯޅަ ކޮންޓްރޯލިން، ޕޭސް އަދި ހުނަރުވެރިކަމުގެ ސަބަބުން ވިންގުގައި ބަހައްޓައިގެން ކުޅުވުމަށްވެސް ކޯޗަށް ފުރުސަތު ލިބެއެވެ.
އުމުރުން 16 އަހަރުގައި މިހާ ބޮޑު ކާމިޔާބީއެއް ލިބުމަކީ އޭނާގެ ކެރިއަރަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްކަން ކަށަވަރެވެ. ދިވެހިންގެ އުއްމީދަކީ އިނގިރޭސި އެއްވަނަ ޑިވިޝަނުގައި ކުޅެ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކަށްވެ ގައުމީ ޓީމަށް މިރާޝް ކުޅުމަށެވެ.