މެންޗެސްޓާ ޔުނައިޓެޑްގެ ޕްލެޔާ އޮފް ދަ ސީޒަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ގޯލު ކީޕަރު ޑޭވިޑް ޑެހެއާ ހޯދައިފިއެވެ. ކުލަބަށް ފުރަތަމަ ޔޫރަޕިއަން ކަޕު ހޯދައި، އެތަކެއް ކާމިޔާބީތަކެއް ހޯދާފައިވާ މެނޭޖަރު ސާ މެޓް ބަސްބީ ގެ ނަމުން ނަންދީފައިވާ މިއެވޯޑު މިދިޔަ ސީޒަނުގެ އިތުރުން އޭގެ ކުރީ ސީޒަނުގައިވެސް ހޯދާފައިވަނީ ޑެހެއާއެވެ.
ރޭގައި ޔުނައިޓެޑް އިން ބޭއްވި ކުޅުންތެރިންނަށް އެވޯޑު ދިނުމުގެ ހަފްލާގައި ޓީމުގެ ސީނިއާ ކުޅުންތެރިންގެ އިތުރުން ޒުވާން ކުޅުންތެރިންނާ ކުޅުންތެރިންގެ ބައިވެރިންނާއި ކޯޗުން އަދި އެހެނިހެން މުވައްޒިފުންވެސް ވަނީ ބައިވެރިވެފައެވެ. ސާ މެޓް ބަސްބީ ޕްލެޔާ އޮފް ދަ ސީޒަން އެވޯޑް ޑެހެއާ ހޯދާފައިވާއިރު ޕްލެޔާސް ޕްލެޔާ އޮފް ދަ ސީޒަން މިފަހަރު ހޯދާފައިވަނީ ޑިފެންޑަރު ސްމޯލިންގ އެވެ.
އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ސީނިއާ ޓީމަށްވެސް މޮޅު ކުޅުމެއް ދައްކާފައިވާ ކެމެރޮން ބޮރތްވިކް ޖެކްސަންއެވެ. މިސީޒަނުގެ 21 އަހަރުން ދަށުގެ ޗެމްޕިއަންކަން ޔުނައިޓެޑް ނަގާފައިވުމުގެ ސަބަބުން ކޯޗު ވޮރެން ޖޮއިސް އަދި އޭނާގެ ޓީމުވެސް ވަނީ ސްޓޭޖަށް އަރާފައެވެ. ޖޮއިސް ބުނެފައިވަނީ އޭނާގެ ޓީމުގައި މުސްތަގުބަލުގައި މޮޅު ކުޅުންތެރިންތަކެއް ޔުނައިޓެޑުން ފެންނާނެ ކަމަށެވެ.
18 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގިނަ ބަޔަކު ހައިރާންކޮށްފައިވާ 18 އަހަރުގެ މާކަސް ރަޝްފޯޑްއެވެ.
މީގެ އިތުރުން ގޯލް އޮފް ދަ ސީޒަން ލިބިފައިވަނީ އެންތޮނީ މާޝިއަލް އޭނާގެ ފުރަތަމަ މެޗުގައި ލިވަޕޫލްއާ ދެކޮޅަށް ކާމިޔާބުކުރި ގޯލަށެވެ. އެވޯޑް ހާސިލު ކުރި ކުޅުންތެރިންނަށް ސީނިއާ ޓީމު ކޯޗު ވެން ހާލް ވަނީ ތައުރީފުކޮށް އިތުރަށް މަސައްކަތް ކުރުމަށް ގޮވާލާފައެވެ.