އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހެމް ޔުނައިޓެޑް އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރި މެޗު ވެސްޓް ހެމް ކާމިޔާބުކޮށް މެންޗެސްޓާ ޔުނައިޓެޑް ހަތަރުވަނައަށް އެރުމުގެ ފުރުސަތު އަނެއްކާވެސް ހަނިކޮށްފިއެވެ. އަޕްޓައުން ޕާކް އަށް ވެސްޓް ހެމް އަލްވަދާއު ކީ މިމެޗު ވެސްޓް ހެމް ކާމިޔާބުކޮށްފައިވަނީ 2-3 އިންނެވެ.
މެޗުގެ ފުރަތަމަ ގޯލު 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައިވަނީ ސަކޯ އެވެ. ރޭގެ މެޗުގައި މެންޗެސްޓާ ޔުނައިޓެޑުގެ ޑިފެންސް ލައިނުގެ ދޯހަޅިކަން ވަރަށް ބޮޑަށް ފެނިގެންގޮސްފައިވެއެވެ. ކޮޅަށް ވަން ތިން ގޯލަކީވެސް ޑިފެންޑަރުންގެ އިހުމާލުން ވަން ތިން ގޯލުކަން ފާހަގަކޮށްލެވެއެ.
މެޗުގެ ފުރަތަމަކޮޅު ގޯލުވަނުމުގެ ސަބަބުން ޔުނައިޓެޑް ގެ ޑިފެންސްލައިނަށް ބާރުބޮޑުވަމުންދިޔައެވެ. ނަމަވެސް މެޗުގެ 20 މިނެޓުފަހުން މެންޗެސްޓާ ޔުނައިޓެޑުންވަނީ މެޗުގެ ކޮންޓްރޯލް ނަގާފައެވެ. ބޯޅަހިފަހައްޓާފައިވީނަމަވެސް ހެދިފައިވަނީ އެންމެ ހަމަލާއެކެވެ.
މެޗުގެ ފުރަތަމަ ހާފު 0-1 ގެ ނަތީޖާއިން ވެސްޓް ހެމް ކުރީގައިއޮވެ ނިމިފައިވާއިރު ދެވަނަ ހާފު ފެށިގެން މާގިނައިރު ތަކެއް ނުވެ ޔުނައިޓެޑް އިން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. 51 ވަނަ މިނެޓުގައި މާޝިއާލް މިގޯލު ޖަހާފައިވާއިރު 72 ވަނަ މިނެޓުގައި އަނެއްކާވެސް މާޝިއަލް ވަނީ ގޯލު ޖަހައި މެޗުގެ ލީޑު ނަގާފައެވެ. ނަމަވެސް މެންޗެސްޓާ ޔުނައިޓެޑަށް ލީޑު ހިފަހެއްޓިފައިވަނީ އެންމެ ހަތަރު މިނެޓަށެވެ.
76 ވަނަ މިނެޓުގައި މިކެއިލް އެންޓޯނިއޯ ވަނީ ވެސްޓް ހެމް އަށް ނަތީޖާ ހަމަހަމަ ކޮށްފައެވެ. 80 ވަނަ މިނެޓުގައި ޑޭންޖަރ އޭރިއާ ބޭރުން ވެސްޓް ހެމްއަށް ލިބުނު ހިލޭ ޖެހުމެއް ގޯލު ކުރިމައްޗަށް ހުރަސްކޮށްގެން ވިންސްޓަން ރީޑް ވަނީ މެޗުގެ ދެވަނަ ފަހަރަށް ވެސްޓް ހެމްއަށް ލީޑު ނަގީދީފައެވެ.
ރޭގެ މެޗުން ބަލިވުމާއެކު ޔުނައިޓެޑަށް ވަނީ ޓޮޕް 4 ގެ ފުރުސަތު މުޅިންގޮތަކަށް ގެއްލިފައެވެ. އަންނަ ސީޒަނުގައި ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ އެއްވެސް ފުރުސަތެއް ލިބޭނީ ކުރިއަށް އޮތް މެޗުން މެންޗެސްޓާ ސިޓީ ބަލިވެ ޔުނައިޓެޑް ކުޅޭ މެޗުން މޮޅުވެގެންނެވެ. ރޭގެ ނާކާމިޔާބީއާ އެކު ސަޕޯޓަރުން ވަނީ ކޯޗު ވެން ގާލް ބޭރުކުރުމަށް ހަރު އަޑުން ގޮވާލާފައެވެ.
ރޭގެ މެޗުގައި ވެސްޓް ހެމްގެ ސަޕޯޓަރުންގެ ފަރާތުން ކުޅިވަރުގެ ރޫހާ ހިލާފު ގިނަގުނަ އަމަލުތަކެއް ފެނިގެންގޮސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ޓީމު ދަތުރުކޮށްފައިދިޔަ ކޯޗަށް ސަޕޯޓަރުން ވަނީ މަގުގައި ފުޅިފަދަ ތަކެތިން ހަމަލާދީފައެވެ. މިކަމުގެ ސަބަބުން މެޗު ވަނީ 45 މިނެޓަށް ފަސްވެފައެވެ. އަދި ހޯމް ސައިޑުގައި ތިބި ސަޕޯޓަރުން ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑެހެއާ އާ ދިމާލަށް ފުޅިފަދަ ތަކެތި އުކާފައެވެ. ނަމަވެސް މިއަދު ވެސްޓް ހެމް އިންވަނީ ޔުނައިޓެޑްގެ ކޯޗަށް ހަމަލާދިން ސަޕޯޓަރުންނަށް އުމުރަށް ދަނޑަށް ވަނުން މަނާކޮށްފައެވެ.