Last Updated: November 22, 23:40
Friday, November 22, 2024
ޚަބަރު

އައްޑޫ އެތެރެވަރި ކޮނެގެން ފޭދޫ ބިން ހިއްކާ މައްސަލާގައި މަސްވެރިންނާއި ޒުވާނުން ނިކުންނަނީ

ފޭދޫ ވަށައިގެން ހިއްކުމަށް މިހާރު ފަށާފައިވާ މަޝްރޫއުގައި އައްޑޫގެ އެތެރެވަރީގެ ބައެއް ތިލަތައް، އެއްވެސް އުސޫލެއް ނެތި ކޮންނަމުންދާ ކަމަށް ބުނެ، އައްޑޫގެ މަސްވެރިންނާއި، ޑައިވަރުން މިއަދު އިހްތިޖާޖަށް ނިކުންނަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ހިތަދޫގެ މަސްވެރިއަކު ބުނީ، ބިން ހިއްކުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް އެންދަމާ، ހާހަލާއި، ގާތައް ކޮންނަން ފަށާފައިވާ ކަމަށެވެ. އޭގެ ސަބަބުން އައްޑޫން އެންވެރިކަން ނެތިގެން ހިގައިދާނެކަމަށް މަސްވެރިޔާ ބުންޏެވެ.

"މިދޭތެރެއިން އެއާޕޯޓަށް ބިން ހިއްކުމާއި ގުޅިގެން، އެތެރެވަރި އޮތީ ވަރަށް ކިލިބުވެފައި، އެންދަމަން ގޮސް އެމެއް ނުދެމޭ. އެހެންވެ މިޖެހެނީ އެންދަމަން ހުވަދޫ ހިސާބަށްދާން. މިހާރު ފޭދޫ ބިން ހިއްކަން މި ޖައްސަނީ އެތެރެވަރީގައި ހުންނަ އެންދަމާ ތިލަ ތަކުގައި. މީ ދެރަ ކަމެއް. މިކަމަށް ވިސްނަން ޖެހޭ"

ފޭދޫ ބިން ހިއްކުމުގެ މަސައްކަތަށް ގެނައި ޑްރެޖަރުން ކޮންނަން ފަށާފައިވާ އިރު، އައްޑޫގެ އެންމެ ހިތްގައިމު ޑައިވިން ސައިޓްތައް ވެސް މިފަހަރު ނެތިގެންދާނެ ކަމުގެ ބިރު މިވަނީ ހީވެފައެވެ.

އައްޑޫގައި ޑައިވްކުރާ ޒުވާނަކު ބުނީ ފޭދޫގެ ބިން ހިއްކުމަށް ޑައިވިން ސައިޓްތައް ކޮންނާތީ، އައްޑޫގެ ޓޫރިޒަމް ނެތިގެން ހިގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.

"އެެއްވެސް ހާލެއްގައި ފޭދޫ ބިން ހިއްކާތީ އެކަން ހުއްޓާލަން، ނުވަތަ އެއީ ގޯސްކަމެކޭ ނޫން މި ބުނަނީ. އަހަރެމެންގެ ކަންބޮޑުވުމަކީ ހަމަ އަވަސް އަރުވާލައިގެން ސިޔާސީ ކަމަކަށް މިކަން ހަދައިގެން ، އައްޑޫގެ އެތެރެވަރި ހަލާކުވެގެންދާތީ. ޑައިވް ނުކުރާ ބަޔަކަށް އައްޑޫގެ އެތެރެވަރީގެ ރީތި ކަން ނުފެންނާނެ. އެކަމަކު ދުނިޔޭގެ އެކި ހިސާބްތަކުން ދަތުރުކޮށްފައި އައްޑޫއަށް މިއަންނަނީ މިތަުގެ ރީތިކަމުގެ އަޑު އިވި އެތަން ދެކިލަން"

ފޭދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ކަންކަން ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ އިރު މިކަމުގައި ރައްޔިތުންގެ ބަހަކީ ކޮބައިކަން ކަމާއި ބެހޭ އިދާރާތަކުން ހޯދާފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. އަދި އައްޑޫގެ ކުރިމަގާއި ވަރަށް ބޮޑަށް ގުޅުފައިވާ މި މަސައްކަތުގެ ސަބަބުން އައްޑޫއަށް އިޔާދަ ނުކުރެވޭނެ ބޮޑު ތިމާވެށީގެ ގެއްލުން ފޯރަފާނެކަމަށް ތަޖްރިބާ ކާރުން ބުނެއެވެ.

އައްޑޫގެ މަސްވެރިންނާއި، ޒުވާނުން މިއަދު ނިކުންނައިރު މިކަމަކީ އެއްވެސް ސިޔާސީ ކަމެއް ނޫންކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.