Last Updated: April 21, 15:19
Monday, April 21, 2025
ޚަބަރު

ޝަރުއީ ދާއިރާ އާއި މީޑިއާތަކާއި ގުޅުން ރަނގަޅު ކުރަންޖެހޭ: އުއްތަމަ ފަނޑިޔާރު

ރާއްޖޭގެ ޝަރުއީ ދާއިރާ އާއި މީޑިއާތަކާއި ދެމެދު ވަރަށް ގާތްގުޅުމެެއް ގާއިމް ކުރަންޖެހޭކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންގެ މަހާސިންތާ 2016 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ޝަރުޢީ ދާއިރާ ވާންޖެހޭނީ މީޑިއާއާ ރަޙްމަތްތެރި މީޑިއާއަށް ހުޅުވާލެވިފައިވާ އަދި މީޑިއާގެ މިނިވަންކަމަށް އިޙްތިރާމްކުރާ ދާއިރާއަކަށް ކަމަށެވެ.

އަދި މީޑިއާތަކުގެ ބެލެނިފަރާތްތަކާއި އެކުވެސް ގާތް ގުޅުމެއް އުފައްދަވަންޖެހޭ ކަމަށް އަބްދުﷲ ސައީދު ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މީޑިއާތަކާއި ޝަރުއީ ދާއިރާއާއި ގާތް ގުޅުމެއް އުފެއްދުމުގެ ބޭނުމުގައި އަންނަ ޖުލައި މަސް ނިމުމުގެ ކުރިން، "އޯޕަން ހައުސް މީޑިއާ ހަފްތާ"ގެ ނަމުގައި ހާއްސަ ހަފްތާއެއް ފާހަގަ ކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެކަމުގެ ތަފްސީލް މީޑިއާތަކާއި ޝަރުއީ ކޯޓުތަކުން ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ރާއްޖޭގެ މީޑިއާ ތަކާއި ޝަރުއީ ދާއިރާގެ ގުޅުން ހަރުދަނާ ކޮށް ގާތްގުޅުމެއް އުފައްދަވަން ޖެހޭކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި މިވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކަށް ބައެއް މީޑިއާތައް ނުވައްދަން ނިންމާފައިވާ ދުވަސްކޮޅެއްގައެވެ. އަދި ބައެއް މީޑިއާ ތަކުގައި މަސައްކަތް ކުރައްވާ ނޫސްވެރިންނާއި ދެކޮޅަށް މައްސަލަތައް ކޯޓުތަކުގައި ހިނގަމުން އަންނަ ދަނޑިވަޅެއްގައެވެ.