ސްޕެނިޝް ލަލީގާގައި ބާސެލޯނާ އެމީހުންގެ 24 ވަނަ ތަށި ކާމިޔާބުކޮށްފިއެވެ. މިރޭ ސީޒަނުގެ ފަހު މެޗުގައި ގްރަނާޑާއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި އެއް ޕޮއިންޓުގެ ލީޑަކާއެކު ބާސާ ތަށި ނަގާފައިވާއިރު ރިއަލް ކުޅުނު މެޗުން އެމީހުންވެސް ވަނީ 0-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
މިދިޔަ 8 ސީޒަނުގެ ތެރެއިން ބާސާ ވަނީ 6 ސީޒަނުގައި ލަލީގާ ނަގާފައެވެ. 8 ސީޒަނުގައިވެސް ދެވަނަ އަށް ވުރެ ދަށުން ސީޒަން ނިންމާފައި ނުވާއިރު ބާސާ އަކީ ޝައްކެއްވެސް ނެތް ގޮތުގައި ލަލީގާގެ ފަހުގެ ތާރީހެއްގައި ކުޅެފައިވާ އެންމެ މޮޅު ޓީމެވެ. މިދިޔަ ސީޒަނުގައި ޓްރެބަލްވެސް ހާސިލުކޮށްފައިވާ ބާސާ އަށް މިސީޒަނުގައި ޖެހުނީ ލަލީގާ އިން ފުއްދާލާށެވެ.
މެޗުގައި ބާސާ އިން ޖެހި 3 ލަނޑުވެސް ޖަހާފައިވަނީ މިސީޒަނުގައި އެޓީމަށް އެންމެ ގިނަ ގޯލު އަދި އެންމެ މޮޅު ކުޅުމެއް ދައްކާފައިވާ ލުއިސް ސުއަރޭޒް އެވެ. ސުއަރޭޒް އަކީ 40 ގޯލާއެކު މިސީޒަނުގެ ލަލީގާ ގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.
ދެވަނައިގައި 35 ގޯލާއެކު ރޮނާލްޑޯ އޮތްއިރު ތިންވަނައިގައި 26 ގޯލު ޖަހައިގެން އޮތީ ލިއޯ މެސީއެވެ.
ރިއަލް މެޑްރިޑް އަދި ޑިޕޯޓިވޯ ބައްދަލު ކުރި މެޗު ރިއަލް އިން ވަނީ ކާމިޔާބުކޮށްފައެވެ. 0-2 ގެ ނަތީޖާއިން ރިއަލް މިމެޗުން މޮޅުވެފައިވާއިރު ދެ ގޯލުވެސް ޖަހާފައިވަނީ ރޮނާލްޑޯއެވެ. އޭނާ ވަނީ މި ދެގޯލާއެކު ޖެހިޖެހިގެން 6 ސީޒަނުގައި 50 ގޯލު ހަމަކުރި ހަމައެކަނި ކުޅުންތެރިޔާއަށް ވެފައެވެ.