އިސްލާމިކް ސްޓޭޓްގެ ނަމުގައި ސީރިޔާގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަ ޖަމާއަތް އެގައުމުގެ އެލެޕޯ ސްޓޭޓުގެ ހޮސްޕިޓަލަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. ސަރުކާރާ އައިއެސް އާ ދެބައިމީހުންގެ ތެރެއިން ބާރުގަދަ ބަޔަކީ ކޮންބައެއްކަން ދެއްކުމަށް ހަދާފައިވާ ހަނގުރާމައިގެ މައިދާނަކަށް އެލެޕޯ ވަނީ މިހާރުވެފައެވެ.
އިއްޔެގެ ވަގުތެއްގައި އަލް-އަސަދް ހޮސްޕިޓަލަށް އައިއެސް އިން ދިން ހަމަލާގައި ސަތޭކައަށް ވުރެ ގިނަ ސިފައިން މަރުވެފައިވާކަމަށް ޚަބަރު ލިބެއެވެ.
މިހަމަލާއަށް ފަހުވެސް ސިފައިން ވަނީ އިރާގުގައި އައިއެސްގެ ބާރުގެ ދަށުގައި އޮތްތަނެއް ނަގާފައެވެ. މިއީ ކާމިޔާބީއެއްގެ ގޮތުގައި ސީރިޔާގެ ސިފައިން ދެކުނު ކަމުގައިވިޔަސް އެ ރަށުގެ ބޮޑުބައެއް އޮތީ އައިއެސްގެ ބާރުގެ ދަށުގައެވެ.
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ޖޯން ކެރީ މިހާރު ވަނީ ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާނު އަލް އަބްދުލް އަޒީޒް އާ ބައްދަލުކުރުމަށް ސައުދީ އަށް ގޮސްފައެވެ. ކެރީގެ ބައްދަލުވުމުގައި ސީރިޔާ ފިޔަވައި އެހެން ގައުމުތައް އައިއެސް އާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވާހަކަ ދައްކައި އެއްބަސްވުމަކަށް އާދެވިއްޖެކަމަށް ޚަބަރު ލިބެއެވެ.
އަލް އަސަދް ހޮސްޕިޓަލަށް ދިން ހަމަލާއަށް ފަހު އައިއެސް އިން ވަނީ 26 ސަރުކާރު ސިފައިން މަރާލާފައިވާކަމަށާއި ސިއްހީ އޮފިޝަލުން ރަހީނުކޮށްފައިވާކަމަށް އެއްބަސްވެފައެވެ.
ސީރިޔާގެ ރައީސް ބަޝާރުލް އަސަދްއާ ދެކޮޅަށް އައިއެސް އިން ކުރަމުން ގެންދާ ހަނގުރާމައިގައި އަސަދު ބަލިވެ އައިއެސް އަށް ކުރި ލިބެމުން އަންނަ ކަމަށް ގިނަބަޔަކު ވަނީ ވާހަކަދައްކާން ފަށާފައެވެ. ނަމަވެސް މިހަނގުރާމައިގައި އެތައް ކުށެއް ނެތް ބަޔަކު މަރުވަމުންދާކަމީ ދުނިޔެ މާބޮޑަށް އަޅާލާ ކަމަކަށް ވަނީ ނުވެފައެވެ. ފުރާނަ ގެއްލިފައިވާ މީހުންގެ ތެރެއިން ގިނައީ މައުސޫމް ކުޑަކުދިންނާ އަންހެނުން ކަމުގައިވީއިރުވެސްމެއެވެ.