ރޭގައި ހިތަދޫގައި ހިނގި އެކްސިޑެންޓަށް ފަހު އަނިޔާވި ދެ ޒުވާނުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އިތުރު ފަރުވާއެއް ނުދެވި މާލެ ފޮނުވަން ޖެހުމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެކްސިޑެންޓަށް ފަހު ދެ ޒުވާނުންވެސް ރީޖަނަލް ހޮސްޕިޓަލަށް ގެނެވުނުނަމަވެސް ރީޖަނަލް ހޮސްޕިޓަލަކުން ދެވެން ޖެހޭނެ އެއްވެސް ފަރުވާއެއް ދެ ޒުވާނުންނަށްވެސް ދެވިފައި ނުވާކަމަށް ނިޒާރު ފާހަގަ ކޮށްފައިވެއެވެ. ޑޮކްޓަރުންނާއި ނަރުހުން ވަގުތުން އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާން ފެށިނަމަވެސް ރީޖަނަލް ހޮސްޕިޓަލުން އެކްސްރޭ ނެގުމާއި އޮކްސިޖަން ދިނުން ފިޔަވައި އިތުރު ކަމެއް ކުރެވޭނެ ވަސީލަތެއް ހޮސްޕިޓަލުގައި ނެތް ކަމަށްވެސް ނިޒާރުވަނީ އަލިއަޅުވާލާފައެވެ.
ޒަޚަމް ވި ޒުވާނުންނަށް އިންޓާނަލް ބްލީޑިންގ އެއް ހުރިތޯ ނުވަތަ އިތުރު ފަރުވާއެއް ދެވޭނެ ވަސީލަތެއް ނެތުމުން މާލެ ފޮނުވާލަން ޖެހި މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ދެމީހުންވެސް މާލެ ފޮނުވާލާފައެވެ.
"ސަރުކާރުން މާލޭގެ ހޮސްޕިޓަލަށް 143 މިލިއަން ރުފިޔާގެ ހަރަދު ކުރާއިރު މާލެ ފިޔަވައި ރާއްޖޭގެ ދެން އެންމެ އާބާދީ ބޮޑު އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭނެއް ނެތުމުން އެއިން ފެނިގެންދަނީ އައްޑޫ ހޮސްޕިޓަލް އަދިވެސް ހުރީ 82 ވަނަ އަހަރުގައި ހޮސްޕިޓަލް ހުޅުވިއިރު ހުރި ހާލަތުގައި ކަމަށް ގަބޫލުކުރެވޭ. މާލެއަށް އެހާބޮޑު ޚަރަދެއް ކުރާއިރު ދެކުނުގެ ހޮސްޕިޓަލަކަށް އެންމެ މިލިއަނެއް ހާ ރުފިޔާ ހޭދަކޮށްގެން ބެހެއްޓޭނެ ސީޓީ ސްކޭނެއް ބަހައްޓާނެވަރުވެސް ސަރުކާރަށް ނުވަނީތޯ؟" ނިޒާރުގެ ވާހަކައިގައި އިތުރަށް ކަންބޮޑުވުން ފާޅުކޮށްފައި ސަރުކާރާ ސުވާލުކޮށްފައިވެއެވެ.
ރޭގެ އެކްސިޑެންޓުގައި އަނިޔާވި ޒުވާނުން މިހާރު މާލެ ފޮނުވާލާފައިވާއިރު އާއިލާއިން ބުނެފައިވަނީ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއްކަން ބުނެދެވިފައިނުވާކަމަށެވެ.