އަންނަ ޖޫން މަހުގައި ފެށޭ ޔުއެފާ ޔޫރޯ 2016 ގައި އިނގިރޭސިވިލާތުގެ 26 ކުޅުންތެރިންގެ ފުލް ޓީމު އިއުލާންކޮށްފިއެވެ. އާސެނަލްގެ ތިއޯ ވޮލްކޮޓް، ވެސްޓް ހެމްގެ މާކް ނޯބަލް އަދިވެސް މިސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިންނެއް ނުހިމަނާ އިއުލާންކޮށްފިއެވެ.
ނަމަވެސް ގިނަ ބަޔަކަށް އެންމެ ހައިރާންކަން ލިބުނީ 18 އަހަރުގެ މެންޗެސްޓާ ޔުނައިޓެޑްގެ އެކަޑަމީއަށް ކުޅޭ މާކަސް ރަޝްފޮޑް ޓީމުގައި ހިމެނިފައިވުމުންނެވެ. މިސީޒަނުގެ ދެވަނަ ހާފުގައި ޔުނައިޓެޑްގެ ސީނިއާ ޓީމާއި ގުޅުނު މާކަސް ރަޝްފޮޑްވަނީ އޭނާގެ ފުރަތަމަ މެޗުގައިވެސް ދެ ގޯލު ޖަހާފައެވެ. މޮޅެތި ކީޕަރުންނާއި ޑިފެންޑަރުން ލަދުގަންނަވާލާފައި އޭނާ ޔުނައިޓެޑަށް މުހިއްމު ގޯލުތަކެއް ޖަހާދީފައިވީނަމަވެސް އޭނާއަކީ އިނގިރޭސި ފުލް ޓީމާ ބައިވެރިވުމަށް އެންމެ އެކަށީގެންވާ ކުޅުންތެރިޔެއްތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
އިނގިރޭސި ގައުމީ ކޯޗު ހޮޑްސަންއާ މިކަމާ ގުޅިގެން ސުވާލުކުރުމުން އޭނާ ވަނީ އޭނާ ނެގި ޓީމު ދިފާއުކޮށްފައެވެ. "މުބާރާތް އުނދަގޫ ވާނެ. އޭނާ(ރަޝްފޮޑް)އަށް އެކަން އެނގޭ. އޭނާ ނަގާފައިވަނީ ޔޫރޯގައި ކުޅޭ ގިނަ ޑިފެންޑަރުން ބަލިކުރެވޭނެވަރުގެ ފެންވަރު ހުރުމުން. ނަމަވެސް އެކަން ހާސިލުކުރުމަކީ ބައެއް މީހުން ހީކުރާވަރަށްވުރެ އުނދަގޫ ވާނެ ކަމެއް." ހޮޑްސަން ނޫސްވެރިންނަށް ޖަވާބުދީފައިވެއެވެ.
ޓީމުގައި ނުހިމެނޭނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިބި ކުޅުންތެރިންނަށް ބަލާއިރު އާސެނަލްގެ ޖެކް ވިލްޝެއާ އަދި ނިއުކާސަލްގެ އެންޑްރޮސް ޓައުންސެންޑް ހިމެނެއެވެ. ވިލްޝެއާ އަކީ މިދިޔަ އޮގަސްޓު މަހު ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ގިނަދުވަސްތަކެއް ކުޅުމާ ދުރުގައި ހޭދަކޮށްފައިވާ ކުޅުންތެރިޔެކެވެ. އޭނާ ސީޒަނުގެ ފުރަތަމަ އެގާރައިގައި ކުޅެފައިވަނީ އިއްޔެ ސީޒަނުގެ ފަހު މެޗުގައި އެކަންޏެވެ.
ޓީމުން ޖާގަ ލިބިފައިނުވާ ކުޅުންތެރިންގެ ތެރޭގައި މާކް ނޯބްލް، ތިއޯ ވޮލްކޮޓް، ފިލް ޖެގިއެލްކާގެ އިތުރުން ޖަރްމެއިން ޑެފޯ ހިމެނެއެވެ. ނޯބްލް އަދި ޑެފޯއަކީ މިސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ.
ޔޫރޯގެ ކުރިން މިމަހު 23 ވަނަ ދުވަހު އިނގިރޭސިވިލާތް ތުރުކީއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިމަހުގެ 28 އަދި އަންނަ މަހުގެ 2 ވަނަ ދުވަހުވެސް އެކުވެރިކަމުގެ މެޗުތައް ކުޅޭނެއެވެ. 28 ވަނަ ދުވަހު އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅޭއިރު ޖޫން 2 ގައި ކުޅޭނީ ޕޯޗުގަލް އާ ދެކޮޅަށެވެ.
މިއަހަރުގެ ޔޫރޯ މުބާރާތް ފެށޭނީ އަންނަ މަހުގެ 10 ވަނަ ދުވަހުގައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ މުބާރާތުގެ ހޯސްޓު ފްރާންސް އަދި ރޯމޭނިއާއެވެ.