ބައެއް ރަށްރަށުގައި ދައުލަތުގެ ބިންތަކުގައި ގަވައިދާ ހިލާފަށް ހަދާފައި ހުރި ސިޔާސީ ޕާޓީތަކުގެ ޖަގަހަ ފަދަ ތަންތަން ނަގައި ބިންތައް ސާފު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށް ދެނީ ދައުލަތުގެ ބިންތަކުގައި ކައުންސިލްތަކުން ހުއްދަ ހޯދުމަކާ ނުލައި ސިޔާސީ ޕާޓީތަކުން ޖަގަހަ ހަދައި އެފަދަ ބިންތަކުގެ ބޭނުން ކުރަމުން ގެންދާތީ ކަމާބެހޭ އިދާރާތަކުން ފުލުހުންގެ ކިބައިން އެކަމަށް އެދިފައި ވާތީ އެވެ.
އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ހުރި އެފަދަ ތަންތަން ސާފު ކުރުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ދ. ކުޑަހުވަދޫގައި ހުރި ބައެއް ޖަގަހަތަކާއި ހއ. ދިއްދޫގައި ހުރި ބައެއް ޖަގަހަ ނަގައި އެތަންތަން ފުލުހުން ވަނީ ސާފުކޮށްފަ އެވެ.
މީގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ހުރި އެފަދަ ޖަގަހަތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
ދާދި ފަހުން ވަނީ ފޭދޫ ބަނދަރުމަތީގައި ހުރި އެމްޑީޕީގެ ސްޓޭޖް ވެސް ރޫޅާލައިފަ އެވެ. އެކަމަކު އެތަން ރޫޅާލީ ފުލުުުހުންނެއް ނޫނެވެ.
ފުލުހުން އަދި ބުނީ މިފަދަ ޖަގަހަތައް ނެގުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށް ދެނީ ކަމާބެހޭ ފަރާތްތަކުން އެފަދަ ޖަގަހަތައް ނަގަން ޖަގަހަތައް ނިސްބަތްވާ ފަރާތްތަކަށް އަންގައި މުއްދަތެއް ދިނުމަށް ފަހު ވެސް އެ ޖަގަހަތައް ނުނަގައި ހުންނަ ނަމަ ކަމަށެވެ.