ފޭދޫ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، އެކަމަށް ބޭނުންވާ ވެލި ނަގަނީ ކުރިން ވެލި ނަގަން ކަނޑަައެޅި ސަރަހައްދުތަކުން ނުން ކަމަށާއި ވެލި ނަގަނީ ގަވައިދާ ހިލާފަށް ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ހައުސިން މިނިސްޓްރީގެ އައްޑޫ ކޯޑިނޭޓަރު މުހައްމަދު ފައިސަލް ދޮގު ކުރައްވައިފަ އެވެ.
ބިން ހިއްކަން ފެށުމާ އެކު ވަލި ނަގަނީ ކަނޑައެޅި ތަންތަނުން ނޫން ކަމަށް ބުނެ އައްޑޫ ސިޓީ ކައުންސިލާއި ބައެއް މަސްވެރިންނާއި ޑައިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފައިސަލް "އައްޑު ލައިވް" އަށް ވިދާޅުވީ ވެލި ނަގަމުން އަންނަނީ ހިއްކަން ފެށުމުގެ ކުރިން ހެދި އީއައިއޭ ރިޕޯޓާ އެއްގޮތަށް ކަމަށާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކުރަމުން ނުދާ ކަމަށެވެ.
އޭނާ ވިދާޅުވީ ވެލި ނަގާނެ ހަތަރު ސަރަހައްދެއް ކުރިން ވެސް އޮތީ ނިންމާފައި ކަމަށެވެ. އަދި ވެލި ނަގަމުން އަންނަނީ އޭގެ ތެރެއިން ތިން ސަރަހައްދަކުން ކަމަށް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ ވެލި ނަގަނީ ހުޅުމީދޫ ސަރަހައްދުން އެކަމަށް ހާއްސަ ކުރި ތަނަކާއި ކަނޑިހެރަ ދިމާލުން ސަރަހައްދަކާއި ގަމާ ދިމާލުގެ ސަރަހައްދަކުން ކަމަށެވެ.
އޭނާ ވިދާޅުވީ ވެލި ނަގާ ތަންތަނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފަށް ވާހަކަތައް ދައްްކަމުން ދިޔަ ފަރާތްތަކާ ބައްދަލުކޮށް، ކަން ހިނގާ ގޮތް ވަރަށް ރަނގަޅަށް ސާފުކޮށް ދީފައިވާނެ ކަމަށެވެ.
ފައިސަލް އަދި ވިދާޅުވީ ބިން ހިއްކަނީ ދުނިޔޭގެ އެންމެ ވަރުގަދަ އެންމެ ތަޖުރިބާ ހުރި އެއް ކުންފުނިން ކަމަށްވާ އިރު، އެ ކުންފުނިން ވެސް ގަވައިދާ ހިލާފަށް އެއްވެސް ކަމެެއް ކުރާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.
"މި ކަހަލަ ކަންތައްތަކެއް ހުރެގެން އެ މީހުންގެ ރެޕިއުޓޭޝަން ގެއްލޭ ގޮތަކަށް އެވަރުގެ ކުންފުންޏަކުން މަަަސައްކަތް ނުކުރާނެ ކަމަށް ވެސް ފުރަތަމަ ކަމަކަށް އެބަޖެހޭ ގަބޫލު ކުރަން،" ނެދަލެންޑްގެ ވައްނޫރާ ބެހޭ ގޮތުން އޭނާ ވިދާޅުވި އެވެ.
ފޭދޫ ވަށައިގެން ހިއްކަމުން އަންނަ އިރު، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ހިއްކައި ނިންމައި ލެވޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.