އިނގިރޭސި އެފް އޭ ކަޕު 12 ވަނަ ފަހަރަށް މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކޮށްފި އެވެ.
ރޭ ކުޅުނު މިސީޒަނުގެ ފައިނަލުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅެ ޔުނައިޓެޑް މޮޅު ވެފައިވަނީ 1-2 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެވެ.
މެޗުގެ ބޮޑު ބައި ގޯލެއް ނުފެނި ނިމިގޮސްފައިވީ އިރު 78 ވަނަ މިނެޓުގައި ޕެލެސްގެ ޕަންޗަން ވަނީ ޑެހެއާ ކޮޅަށް ގޯލު ޖަހައިފަ އެވެ.
ދިހަ ވަރަކަށް މިނެޓު ބާކީ ކުޅެން އޮތް ނަމަވެސް ޔުނައިޓެޑްގެ ކުޅުންތެރިން ހިތްވަރު ދޫކޮށްފައެއް ނުވެ އެވެ. ހާއްސަކޮށް ކެޕްޓަން ރޫނީގެ މަސައްކަތް ފާހަގަކޮށްލެވެ އެވެ.
ނަތީޖާއެއްގެ ގޮތުން ތިން މިނެޓުފަހުން ޔުނައިޓެޑް ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ.
ރޫނީ ހުރަސްކޮށް ދިން ބޯޅައެއް ފެލައިނީ ވަނީ މޭމަތިން ކޮންޓްރޯލް ކޮށް ކައިރީގައި ހުރި މަޓާ އަށް ދީފަ އެވެ. މަޓާ ވަނީ ބޯޅަ ބިންމަތީ ޖެހުމުގެ ކުރިން ފޮނުވައި ގޯލުގެ ތެރެއެއަށް ވައްދާފަ އެވެ.
މެޗުގެ 90 މިނެޓު ހަަމަވީއިރު ނަތީޖާ އެއްވަރުވެފައި އޮތުމުން ދެން ކުޅެން ޖެހުނީ އިތުރު ވަގުތުގެ ދެ ހާފެވެ. ސަތޭކަ ފަސް ވަނަ މިނެޓުގައި މެންޗެސްޓާ ޔުނައިޓެޑްގެ ސްމޯލިން އަށް ވަނީ ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.
ދިހަ ކުޅުންތެރިންނާއެކު މެޗު ކުޅެން ޖެހުނު ޔުނައިޓެޑް ވަނީ މޮޅަށް ކުޅެ 110 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގައިފަ އެވެ.
ޖެސީ ލިންގާޑް ކާމިޔާބުކުރި މިގޯލަށް ފަހު މެޗުގައި އިތުރު ލަނޑެއް ފެނިގެން ނުގޮސް ޔުނައިޓެޑުން ވަނީ އެ މީހުންގެ 12 ވަނަ އެފްއޭ ކަޕް ނަގައިފަ އެވެ.
ތިން އަހަރު ދުވަސް ވަންދެން ތަށްޓެއް ކާމިޔާބު ނުކުރެވި އެންމެ ފަހަކަށް އެފް އޭ ކަޕު ކާމިޔާބުވުމުން ޔުނައިޓެޑްގެ އެތައް މިލިއަން ސަޕޯޓަރުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ދަނީ އުފާފާޅު ކުރަމުންނެވެ.
މިއީ 12 އަހަރަށް ފަހު ޔުނައިޓެޑް ނެގި ފުރަތަމަ އެފްއޭ ކަޕެވެ.