މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހު ހިތަދޫ އަލަ އޮޅެއްގެ ތެރޭގައި މަރާލައިފައި އޮއްވައިު ފެނުނު އެެ ރަށު ވިޔަފާވެރިޔާ އަލީ އަބްދުﷲ ގެ މަރުގެ ތަހުގީގާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން މިހާރު ހާމަ ކުރަމުން ނުދާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.
މި މައްސަލާގައި މީގެ ކުރިން ވެސް ހިތަދޫގައި ވަނީ ތަހުގީގު އަވަސްކޮށް، ކުށްވެރިންނަށް ހައްގު އަދަބު ދޭން ގޮވާލައި، އަޑު އުފުލައިފަ އެވެ.
ހިތަދޫ ބުރުނީގޭ އަލީ، 47، ގެ މަރާ ގުޅިގެން އޭނާ އަށް ބޮޑު ބޭބެ ކިޔާ ހިތަދޫ ހެޕީ ފިއުޗާ އަހުމަދު އިބްރާހީމްދީދީ، 39، ގެ އިތުރުން އިތުރު ތިން މީހަކު ހައްޔަރުކޮށް އެ މީހުން ތަހުގީގަށް ވަނީ މާލެ ވެސް ފުރުވާލައިފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އަލީ މަރާލައިފައި ވަނީ މުދަލާއު ފައިސާގެ ދަހިވެތިކަމުގަ އެވެ. އަދި އެއީ ދުރާލައި ރާވައިގެން ހިންގާފައިވާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެންމެ ފަހުން މިޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި އަލީގެ މަރުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް ދެ އެވެެ.
މި މައްސަލާގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ދައުވާ ކުރަން ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް މިދިޔަ މަހު ފުލުހުން ބުނެފައިވެ އެވެ.
އެހެން ނަމަވެސް އޭގެ ފަހުން އެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން މީޑިއާގައި ހާމަ ކުރަމުން ނުދާތީ، ފުލުހުން ތަހުގީގު ކުރިއަށް ގެންދޭތޯ ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
އަލީގެ މަރުގެ ތަހުގީގާ ބެހޭ ގޮތުން މިހާރު ފުލުހުންގެ ބަހެއް ހޯދަން "އައްޑޫ ލައިވް" އިން ކުރި މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެ އެވެ.