ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ސިއްހީ ދާއިރާގެ މެނިފެސްޓޯ ހަދަން ބޭނުންވާ ދިރާސާގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޑީޕީގެ ސިއްހަތާ ބެހޭ ކޮމިޓީން ބުނެފި އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ގައި ރޭ އެމްޑީޕީގެ ސިއްހަތާ ބެހޭ ކޮމިޓީގެ މެމްބަރު އަދި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމްދީދީ (ޑރ. ޑީޑީ) ވިދާޅުވީ މިހާރު ކުރިއަށް ދަނީ ދިރާސާގެ މަސައްކަތެއް ކަމަށެވެ.
ޑރ. ޑީޑީ ވިދާޅުވީ ސިއްހީ ދާއިރާގެ ކަންކަމުގައި ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ ސިއްހީ ދާއިރާގެ ކަންކަމަށް ބޭނުންވާ ދިރާސާތައް ކޮށް، ހޯދުންތައް ހޯދުމަކީ އެ ޕާޓީގެ ސިއްހަތާ ބެހޭ ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ކޮމިޓީގެ ފަރާތުން އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލަށް ޒިޔާރަތްކޮށް އެ ހޮސްޕިޓަލުތަކުގެ ހިދުމަތް ދެމުންދާ ގޮތް ވެސް ބަލާނެ ކަމަށެވެ.
ޑރ. ޑީޑީ އަދި ވިދާޅުވީ އަތޮޅުތެރޭގެ ހުރި ސިއްހީ ހިދުމަތް ދޭ ތަންތަނަށް ވެސް ޒިޔާރަތްކޮށް ހިދުމަތް ދޭ ގޮތް ބަލައި ދިރާސާތަކެއް ކުރާނެ ކަމަށެވެ.