ސޯލާ ޕެނަލް ޖަހަން ބޭނުންވާ ފަރާތްތަކަށް އައްޑޫގެ އަމިއްލަ ފަރާތަކުން ސޯލާ ޕެނަލް ހަރުކޮށް ދިނުމުގެ ހިދުމަތް ދޭން ފަށައިފި އެވެ.
މި ހިދުމަތް ދެނީ ހުޅުދު އަށް ނިސްބަތްވާ ބަޔަކާއި ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ލިންކް ސާވް ގުޅިގެންނެވެ.
ސޯލާ ޕެނަލް ހަރުކޮށް ދިނުމުގެ ހިދުމަތް ދޭ ޓީމްގެ އޮފިޝަލަކު "އައްޑޫ ލައިވް" އަށް މިއަދު ބުނީ ހުޅުދޫގެ ގެއެއްގައި ޕެނެލް ޖަހައިގެން މިހާރު ޓެސްޓްތަކެއް ވެސް ކުރަމުން އަންނަ ކަމަށެވެ.
އެ ގޭގައި ހަރުކޮށްފައި ވަނީ އަށް ޕެނަލެވެ. އެ ޕެނަލްތަކުން 1.5 ކިލޯވޮޓްގެ ކަރަންޓް އުފައްދައި ދޭނެ އެވެ.
އަށް ޕެނަލް ހަރު ކުރަން ހަރަދު ކުރަން ޖެހެނީ ގާތްގަނޑަކަށް 45،000-50،000ރ. އާ ދެމެދުގެ އަދެދެކެވެ.
ސޯލާ ޕެނަލް ހަރުކޮށްދޭ ޓީމްގެ އޮފިޝަލް ބުނީ އައްޑޫގެ ކޮންމެ ރަށަކުން ވެސް ހިދުމަތް ބޭނުންވެގެން އެދިއްޖެ ނަމަ އެ ހިދުމަތް ފޯރުކޮށް ދޭނެ ކަަމަށެވެ.
ހިދުމަތް ހޯދަން ބޭނުންވާ ފަރާތަކުން ކުރަން ޖެހޭ ކަމަކީ ޕެނަލް ޖަހަން ބޭނުންވާ އަދަދަކަށް ޕެނަލަށް އަގު ދެއްކުމެވެ.
"ދެން ޕެނަލް ގެނައުމާ އިންސްޓޯލް ކުރުމާއި އޭގެ އޮޕަރޭޝަން ބައި އަޅުގަނޑުމެންގެ ސްޓާފުން މެދުވެރިކޮށް ކުރިއަށް ދާނެ،" އޭނާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އިޔާދަކުރަނިވި ހަކަތަ އަށް ދާން ބާރު އަޅަމުން އަންނަ ޒަމާނެއްގަައި މިއީ އަމިއްލަ ފަރާތްތަކަށް، ގޭގެ ކަރަންޓް ބިލް ކުޑަ ކުރަން ލިބިގެން ދާނެ ވަަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
"މިހާރު ވެސް ބައެއް ފަރާތްތަކުން އަޅުގަނޑުމެންނާ ގުޅަމުން އެބަދޭ،" އޮފިޝަލް ބުންޏެވެ.
ޕެނަލް ހަރު ކުރަން އެއް ފަހަރާ ބޮޑު ހަރަދެއް ކުރަން ޖެހުނަސް، އެ ހަރަދު ގާތްގަނޑަކަށް ދެ ތިން އަހަރުގެ ތެރޭގައި ކަވަރު ކުރެވިގެން ދިއުމުން، ދެން އަސްލު އޭގެ ފައިދާތައް އާންމުންނަށް ވަޒަން ކުރެވޭނެ ކަމަށް އޮފިޝަލް ބުންޏެވެ.
އޭނާ އިތުރަށް ބުނީ ހަރު ކުރާ ޕެނަލްތައް ހުންނާނީ ފެނަކަ އާ ގުޅިފައި ކަމަށެވެ. އެހެންވެ ކަރަންޓް ބެލެންސް ކުރެވިގެން ދާނެ އެވެ.
މި ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކުން 7507501 އާ ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށް ހިދުމަތް ދޭ ޓީމުން ބުންޏެވެ.
ދާދި ފަހުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އަމިއްލަ ފަރާތްތަކަށް ހާއްސަކޮށްގެން އިޔާދަކުރަނިވި ހަކަތަ އަށް ދިއުމަށް "ގްރީން ފަންޑް" ގެ ނަމުގައި ހާއްސަ ފަންޑެއް ވެސް ތައާރަފުކޮށްފަ އެވެ.
އައްޑޫގައި ދުވާލު ބޭނުން ކުރާ ކަރަންޓްގެ 30 ޕަސަންޓަކީ އިޔާދަކުރަނިވި ހަކަތަ އަށް ހެދުމަސް ސަރުކާރުން ވެސް ވަނި ސޯލާ ޕެނަލް ޖެހުމުގެ މަޝްރޫއެއް "ޕޮއިޒް" ގެ ނަމުގައި ކުރިއަށް ގެންދަން ނިންމައިފަ އެވެ.
އެ މަޝްރޫގެ ދަށުން އައްޑޫގައި 1.6 މެގަވޮޓްގެ ކަރަންޓް އުފައްދާނެ އެވެ.