މިހާރު ރައީސް އަބްދުﷲ ޔާމިނަށް ވެރިކަމަށް ވަޑައިގެންނެވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޢަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ގައި އޭނާ ވިދާޅުވީ ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވުނީ ރައީސް ނަޝީދު އިސްވެ ހުންނަވައި މި ގެންނެވި ފެހި ޤާނޫނު އަސާސީގެ ސަބަބުން ކޮންމެ ރައްޔިތަކަ ވެވެސް ވެރިކަމަށް ވަޑައިގެންނެވޭނެ ފަދަ މާހައުލެއް ތަނަވަސްކޮށް ދެއްވުމުން ކަމަށެވެ.
"އެހެން ނޫންނަމަ ވެރިކަމަށް ކުރިމައްޗެއްވެސް ނުލެވުނީސް ރައީސް ޔާމީނަކަށް. އެކަމަކު މިހާރު އެކަން ރައީސް ޔާމީން އެވަނީ ހަނދާން ނައްތާލާފައި،" ނިޒާރު ވިދާޅުވި އެވެ. "އެކަމަކު މިހާރު ރައީސް ޔާމީން ވެސް ޤަބޫލު ކުރައްވަން ޖެހޭނެ އެކަނިމާއެކަނި މިހާރު ވެރިކަމެއް ނުކުރެއްވޭނެއޭ."
އެހެން ނަމަވެސް ރައީސް ޔާމިންގެ ފަސް އަހަރުގެ ވެރިކަން ނިމޭ އިރު ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޒާރު ވިދާޅުވީ ބިލިއަން ޑޮލަރުގެ މަޝްރޫއު ހިންގާ ކަމަށް ބުނާ އިރު ވަޒީފާގެ ފުރުޞަތުތައް ވެސް ފެންނަން ނެތް ކަމަށާއި ދެހާސް ތިންހާސް ކުދިން ކިޔަވައިގެން ނުކުންނަ އިރު ވަޒީފާތަކެއް ނުލިބޭ ކަމަށެވެ.
"އެކަމަކު ވެރިކަމަށް ވަޑައިގަތުމާ އެކު މިފެންނަނީ މުޅިންވެސް 2018 ގެ ވާހަކަ. 2018 ގައި ވެރިކަމަށް އަންނަ ވާހަކަ. 2018 އަށް ތައްޔާރުވަމުންދާ ވާހަކަ،" އޭނާ ވިދާޅުވި އެވެ. "އެބަ ބުނޭ ރައީސް ޔާމިން ބޭނުންފުޅު ކަންކަން ކުރުމަށް އަދި އެއް ދައުރު ބޭނުމޭ. އެވާހަކައެއް ނުދެއްކޭނެ. ރައްޔިތުން ނިންމާނީ އެކަން."
ނިޒާރު ފާހަގަ ކުރެއްވި ގޮތުގައި ރާއްޖޭގެ ރައްޔިތުން ކުރާނެ އެންމެ ބޮޑު މޮޔަ އެއް ކަމަކީ ތަރައްޤީގެ ޕްލޭނެއް ނެތް ވެރިއަކު އަނެއްކާވެސް މި ރާއްޖޭގެ ވެރިކަމަށް އިންތިޚާބު ކުރުމަށްޓަކައި ވޯޓް ދިނުން ކަމަށެވެ.
"އެމްޑީޕީގެ ފިކުރު ތެރެއިން ވެސް ވޯޓް ފަހަރެއްގައި ވެސް ލިބިގެން ދާނީ ވައުދު ފުއްދާފައިވާ ނަމަ،" އޭނާ ވިދާޅުވި އެވެ.
ނިޒާރު އަދި ވިދާޅުވީ ސަރުކާރަށް މަޖިލީހުގައި ފުލް މެޖޯރިޓީ އޮވެ ރައްޔިތުންނަށްޓަކައި ކަމެއް ކޮށްދިނުމުގައި މުޅިން ވެސް ފެންނަނީ ވެރިކަމުގެ ބާރުގަދަ ކުރުމުގެ މަސައްކަތް ކުރާތަން ކަމަށެވެ.