އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖަރު ލުއިސް ވެން ގާލް މަގާމުން ދުރުކޮށްފި އެވެ.
ވެން ގާލް އާއި އޭނާ އާ އެއްކޮށް ޔުނައިޓެޑަށް އައި ކޯޗިން ސްޓާފުން ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ކްރިސްޓަލް ޕެލެސް އާ ދެކޮޅަށް އެފް އޭ ކަޕުގެ ފައިނަލުގައި ކުޅެ 1-2 އިން މޮޅުވެ އެފްއޭ ކަޕުގެ ނެގިތާ 48 ގަޑި އިރު ވެސް ނުވަނީސް ވެން ގާލް މަގާމުން ދުރުކޮށްފައިވާ އިރު މިކަން މިގޮތަށް ހިނގާނެ ކަމަށް އިނގިރޭސި ނޫސްތަކުން ވަނީ ހޮނިހިރު ދުވަހު ވެސް ހަބަރު ފަތުރައިފަ އެވެ.
ބައެއް މީޑިޔާތަކުން ވެން ގާލް އަށް ވެސް މިކަން ވަނީ ކުރިން އަންގާފައި ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އެފްއޭ ކަޕަށް ފަހު ދަނޑުގައި މަސައްކަތް ކުރި މުވައްޒަފަކު ކައިރީ ވެން ގާލް އެވާހަކަ ބުނެފައިވާ ވީޑިއޯއެއް ވެސް ވަނީ އާއްމުވެފަ އެވެ.
ވެން ގާލް އަށް ފަހު ޔުނައިޓެޑްގެ ކޯޗްކަމާ ހަވާލުވާނީ ޗެލްސީގެ ކުރީގެ ކޯޗް ހޯސޭ މޮރީނިއޯ އެވެ.
މާދަމާގެ ގަޑިއެއްގައި މޮރީނިއޯ ސޮއިކޮށް ހުރިހާ ކަމެއް އޮފިޝަލް ވާނެ ކަމަށް ހަބަރު ލިބެއެވެ. މޮރީނިއޯ އައުމުން ޔުނައިޓެޑަށް ގިނަ ދުވަހެއް ވަންދެން ކުޅެ، މިހާރު އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ގިގްސްވެސް ކުލަބު ދޫކޮށް ދާނެ ކަމަށް ވާހަކަ ދެކެވެމުން ދެ އެވެ.
އަށާވީސް އަހަރު ދުވަހުގެ ދިގު މުއްދަތެއް ވަންދެން ކުލަބުން ކޯޗަކު ވަކި ކޮށްފައި ނުވާ އިރު މިހާރު މެންޗެސްޓާ ޔުނައިޓެޑް ވަނީ އެލެކްސް ފާގަސަން ރިޓަޔާ ކުރި ފަހުން ތިން ސީޒަނުގެ ތެރޭގައި ދެ ކޯޗުން މަގާމުން ވަކިކޮށްފަ އެވެ.