އައްޑޫގެ އަވަށްތަކުގެ މަގުތަކުގައި އާންމުންނަށް ހިނގާ އުޅުމަށާއި ދުއްވާ އެއްޗެހި ދުއްވުމަށް އުނދަގޫވާ ގޮތަށް މި ފަހަކަށް އައިސް އެއްޗެހި ބަހައްޓާފައި ހުންނަ ކަމުގެ ޝަކުވާ މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އިތުރުން މިނިސްޓްރީ އަށް ވެސް ލިބެމުން އަންނާތީ އެފަދަ ތަކެތި އޭގެ ވެރިފަރާތްތަކުން ނެގުމަށް މިނިސްޓްރީ އޮފް ހައުސިން އިން އަންގައިފި އެވެ.
ހައުސިން މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވާގޮތުން މިގޮތަށް މީހުންނަށް ދަތިވާ ގޮތަށް ބަހައްޓާފައި ހުރި ތަކެތި މާދާމާއިން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ނަގައި މަގުމަތި ސާފުކުރުމަށް ރައްޔިތުންނަށް އަންގާފައިވެ އެވެ.
މި މުއްދަތުގެ ތެރޭގައި އަޅާލުމެއް ނެތި މަގުމަތީގައި ބަހައްޓާފައި ހުންނަތަކެތި ވެރި ފަރާތްތަކުން މަގުން ނުނަގާ ނަމަ ކަމާ ބެހޭ ފަރާތްތަކުން މެދުވެރިކޮށް އެއްޗެހި ނަގައި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ފަހަކަށް އައިސް އައްޑޫގެ ހުރިހާ އަވަށްތަކުންވެސް މިފަދަ މަންޒަރުތައް އަންނަނީ ފެންނަމުންނެވެ. ދަތުރުފަތުރުކުރަން ބޭނުން ކުރާ ސައިކަލާއި ކާރުގެ އިތުރުން ބޮޑު ވޭނާއި ޕިކަޕުތައްވެސް މަގުގައި ހަދާފައިވާ ޕާކިންގ ސްޕޭސްތަކުގައި ގަވާއިދާ ހިލާފަށް އެތައް ހަފްތާތަކެއް ވަންދެން ބަހައްޓާފައި ހުރެއެވެ.
މީގެ ސަބަބުން ޕާކިން ސްޕޭސްގައި ޕާކް ކުރަން ޖެހޭ ސައިކަލު ތަކަށް އެތަނުގައި ޕާކު ނުކުރެވި ބައެއް ފަހަރަށް ގަވާއިދާ ހިލާފަށް ޕޭވްމެންޓު މަތީގައާއި ބައެއް ފިހާރަތައް ކުރިމަތީ ޕާކް ކުރަން ޖެހެ އެވެ.
މިގޮތަށް ގަވާއިދާ ހިލާފަށް ޕާކު ކުރުމުގެ ސަބަބުން އާންމުން ހިނގައި އުޅުމަށާއި ދުއްވާ އެއްޗެއްސަށް ދުއްވުމަށް އުނދަގޫވެ މަގުގެ ކާރޫބާރޫ ބޮޑުވެ އެތަކެއް އުނދަގޫތަކެއް ކުރިމަތިވެއެވެ.
ވެހިކަލްތައް މަގުމަތީ އަޅާލުމެއް ނެތި ބެހެއްޓުމުގެ އިތުރަށް ގޭގެއިން ނެރެފައިހުންނަ ކުނިބުނިވެސް ޖަމާކޮށް މަގުގައި ބަހައްޓާފައި ހުންނަތަން މަދުން ނަމަވެސް އަންނަނީ ފެންނަމުންނެވެ.