ޑިފެންސް މިނިސްޓަރު އާދަމް ޝަރީީފް ޕާކިސްތާނަށް ކުރެއްވި ދަތުރުގައި އެ ގައުމުން ގިނަ އަދަދަކަށް ހަތިޔާރު ގަންނަން ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީީޕީ މެމްބަރު އަލީ ނިޒާރު ސަރުކާރަށް ވަަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ޕާކިސްތާނުން 10 މިލިއަން ޑޮލަރުގެ ހަތިޔާރު ގަންނަން ވަނީ ނިންމައިފަ އެވެ.
މިކަމާ ގުޅިގެން ނިޒާރު ވިދާޅުވީ ރައްޔިތުން އަސާސީ ހައްގުތައް ނުލިބިގެން އުޅޭ އިރު، ހަތިޔާރު ގަންނަން އުޅުމަކީ ބޮޑު ޖޯކެއް ކަަމަށެވެ.
"އައްޑު އާއި ފުވައްމުލަކުގައި ފެނާއި ނަރުދަމާ ނެތި ހަތިޔާރާއި ބޮން އަޅާ ބޯޓް ގަންނަނީ ކޮން ބަޔަކާ ހަނގުރާ ކުރަންތޯ؟ ކޮން ބަޔަކަށް ފޮނި ދައްކަންތޯ؟ ރާއްޖޭގެ ސެކިއުރިޓީ އަށް އޮތީ ކޮން ބިރެއް؟" ނިޒާރުގެ ފޭސްބުކްގައި ވިދާޅުވި އެވެ. "ގަޟާ ހާޖާ ނުކުރެވި ނިދާނެ ތަނެއް ނެތި، ކަރަންޓް ބިލް ނުދެއްކި ތިއްބާ 10 މިލިއަން ޑޮލަރު ހަތިޔާރަށް ހަރަދު ކުރުމަކީ ބޭއިންސާފު ލަދުވެތި ކަމެއް. ބޮޑު ޖޯކެއް."
ޕާކިސްތާންގެ "ދަ ނޭޝަން" ނޫހުގައިވާ ގޮތުން އެ ގައުމުގެ ހުޅަނގު ޕަންޖާބުގައި ހުންނަ ޕާކިސްތާން އޯޑްނަންސް ފެކްޓްރީސް (ޕީއޯއެފް) އަށް ރާއްޖޭގެ ޑިފެންސް މިނިސްޓަރު ވަނީ ބައްދަލު ކުރައްވައި ހަތިޔާރު ގަތުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
މިފެކްޓްރީގެ އަސްކަރީ އުފެއްދުންތައް ގަތުމަށް ރާއްޖޭން ޝައުގުވެރިކަން ފާޅުކުރުމުން ރާއްޖެއިން ބޭނުންވާ އުފެއްދުންތައް ރާއްޖޭން ބޭނުންވާ އަދަދަށް ފޯރުކޮށް ދެވޭނެ ކަމުގެ ޔަގީންކަން ފެކްޓްރީގެ އިސްވެރިން ވަނީ ދިވެހި ވަފްދަށް ދީފަ އެވެ.
ދިވެހި ވަފްދުން މި ފެކްޓްރީއަށް ކުރެއްވި ޒިޔާރާތުގައި ވަނީ އެތަނުގައި އުފައްދާފައި ހުރި ހަތިޔާރުތަކާއި، ހަތިޔާރު އުފެއްދުމުގެ ކަންކަން ހިނގާ ގޮތާއި އަދި މި ފެކްޓްރީގެ މައުލޫމާތު އޮޅުން ފިލުއްވާފަ އެވެ.
ޕީއޯއެފްއަކީ ދުނިޔޭގެ 30 ގައުމަކަށް މިހާރު ވެސް ހަތިޔާރު ވިއްކާ ފެކްޓްރީއެކެވެ.
އެެއީ ބާރުގަދަ ގޮވާ ތަކެއްޗާއި، ރޮކެޓާއި، ބަޑިއާއި، ވަޒަނާއި، އަސްކަރިއްޔާ ތަކަށް ބޭނުންވާ އަސްކަރީ ގިއާގެ އިތުރުން އަސްކަރީ ގިނަ ތަކެތި އުފައްދާ ތަނެކެވެ.