އޭނާގެ އުމުރުގެ ކުދިން އާންމުކޮށް އުޅޭނީ ކުޅެ، މަޖާކޮށް ސަކަރާތް ޖެހުމުގަ އެވެ. އެކަމަކު ފަލަސްތީނަށް އުފަން 10 އަހަރުގެ މި އަންހެން ކުއްޖާ ޖަނާ ޖިހާދުގެ ދިރިއުޅުން މާ ތަފާތެވެ.
އޭނާ ކުރަނީ ބޮޑު މީހުން ކުރާ ކަހަލަ މަސައްކަތެކެވެ. އިޒްރޭލުގެ އަނިޔާވެރިކަމުގެ ތެރޭގައި އޮތް ފަލަސްތީންގެ ހާލަތު ޖަނާ އަށް ވަަރަށް ރަނގަޅަށް އެނގެ އެވެ. އޭނާގެ ގައުމުގެ މީހުން ދިރިއުޅުން ހުރި ގޮތާއި އެ މީހުން ހުށަހެޅިފައި ނުރައްކާތައް ކުޑަކުޑަ ޖަނާ އަށް ވަަރަށް ރަނގަޅެވެ.
އެހެންވެ އޭނާ ކުރާ ކަމަކީ ފަލަސްތީނުގައި ހިނގަމުން އަންނަ ހިތާމަވެރި ހާދިސާތައް ރެކޯޑް ކުރުމެވެ. ރިޕޯޓް ކުރުމެވެ. އެެހެން ގޮތަކަށް ބުނާ ނަމަ. ޖަނާއަކީ ނޫސްވެރިއެކެވެ. ފަހަރުގައި މިއީ ދުނިޔޭގައި ހުރި އެންމެ ހަގު ނޫސްވެރިޔާ އަށް ވެސް ވެދާނެ އެވެ.
ޖަނާގެ މަންމަ ނަވާލް ބުނި ގޮތުގައި ޖަނާ އާ އެއްކޮށް އުޅުނު ކުއްޖަކު އިޒްރޭލުން ދިން ހަަމަލާއެއްގައި އޭނާ މަރުވުމުން، ޖަނާ އަށް ނަފުސާނީ ގޮތުން ވަރަށް ގިނަ މައްސަަތަކަކާ ކުރިމަތިލާން ޖެހުނެވެ.
އެހެން ނަމަވެސް ޖަނާ ވަަރަށް ކުޑަ އިރުއްސުރެން ފެށިގެން، އިޒްރޭލްގެ އަނިޔާވެރިކަން ލޮލުން ދެކި އަތުން ހިފައި ތަޖުރިބާ ކުރަން ޖެހުމުން އެކަމަށް އޭނާ ހޭނި، އެކަންތައްތަކާ ވިސްނަން ފެށި ކަމަށް ނަވާލް ބުންޏެވެ.
"ދެން އަހަރެން ގެންގުޅޭ އައި ފޯނުން އިޒުރޭލުގެ އަނިޔާވެރި އަމަލުތައް ވީޑިއޯކޮށް، ނޫސްވެރިން ކުރާ ކަހަލަ ކަންކަމުގައި އޭނާ އުޅެން ފެށީ،" އުމުރުން ހަތް އަހަރުގައި ޖަނާގެ ކިބައިގައި އުފެދުނު ޝައުގުވެރިކަމާ ބެހޭ ގޮތުން އޭނާގެ މަންމަ ބުންޏެވެ.
ނަވާލް ބުނީ ދަރިފުޅު ޖަނާ މިހާރު ނަގާ ވީޑިއޯތަކާއޮ ފޮޓޯތައް އޭނާ ޔޫޓިއުބާއި ފޭސްބުކާއި ސްނެޕްޗެޓް ފަދަ ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އަންނަ ކަމަށެވެ. އަދި އެތައް ބަޔަކަށް އެ މަސައްކަތް މިހާރު ފެންނަމުންދާ ކަމަށް އޭނާ ބުންޏެވެ.
"ދަރިފުޅު މިކަން ކުރާތީ ފުރަތަމަކޮޅު ވަރަށް ބިރު ވެސް ގަނޭ. އެކަމަކު އަހަންނަށް އެނގޭ ޖަނާ އެ ކުރަނީ ގައުމީ ހިދުމަތެއްކަން. އަހަރެން ފަލަސްތީން ރައްޔިތުން ދިރިއުޅެމުން އަންނަ ނިކަމެތި ހާލަތު ދުނިޔެ އަަށް އޭނާ އެ ދައްކައި ދެނީ،" ނަވާލް ބުންޏެވެ. "މިހާރު އެކަމާ އަހަރެން ފަހުރުވެރިވޭ."
އުމުރުން 10 އަހަރުގެ ޖަނާ ބުނި ގޮތުގައި އޭނާ ބޭނުން ވަނީ ހާވާޑް ޔުނިވަސިޓީން ނޫސްވެރިކަމުގެ ދާއިރާ އިން ކިޔަވާށެވެ. އޭގެ ފަހުން ސީއެންއެން ނުވަތަ ފޮކްސް ޗެނަލްގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ބުންޏެވެ.
"އަހަރެން ބޭނުން ފަލަސްތީނާ ބެހޭ ގޮތުން ރިޕޯޓްތައް ހަދައި މުޅި ދުނިޔެ އަށް ދައްކަން،" ޖަނާ ބުންޏެވެ.
އޭނާ އަދި ބުނީ ހުވެފަނަކީ ސުލްހަވެރި އަމާން ދުނިޔެއެއްގައި އުޅެން ކަމަށެވެ.