ލާމަރުކަޒީ ޤާނޫނަށް މިހާރުގެ ސަރުކާރުގެ ފަރާތުން ގެނައި ބަދަލާއި އެކު ސިޓީ ކައުންސިލްތަކުގެ ބާރުތައް މިވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ. އެއާ އެކު ގިނަ ބަޔަކު ސިޓީ ކައުންސިލް ދެކެނީ ބޭކާރު ބައެއްގެ ގޮތުގަ އެވެ.
ކައުންސިލް ތަކާއި ބެހޭ ގާނޫނަށް ގެނައި އިސްލާހް އަށް ފަހު ކައުންސިލުން ކުރަން ޖެހޭ މަސައްކަތަކަށް ވެފައި އޮތީ "ވިހާ މަރުވާ" ބެލެހެއްޓުމާއި ގަބުރުސްތާން ބެލެހެއްޓުމެވެ.
އޭގެ ތެރެއިން ބައެއް ކަންތައް ވެސް މިވަނީ އަނެއްކާ ވެސް މައި ސަރުކާރުގެ ވުޒާރާތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އައްޑޫ ސިޓީ ކައުންސިލަށް ބަލާއިރު ކައުންސިލްގެ މެޖޯރިޓީ އޮތީ އަދިވެސް އެމްޑީޕީގެ އަތުގަ އެވެ.
އޭގެ ސަބަބުން ސަރުކާރުން ހިންގާ މަޝްރޫޢޫތަކަށް ކައުންސިލުން ހުރަސް އަޅާ ކަމަށް ބުނެ ސަރުކާރުގެ ފަރާތުން އަބަދުވެސް ވާހަކަ ދައްކަމުން ދެއެވެ. އެހެން ނަމަވެސް އެ ވާހަކަތައް ކައުންސިލުން ދޮގު ކުރެ އެވެ.
އޭގެ ހެކިތަކެއްގެ ގޮތުގައި ކައުންސިލުން ދައްކަނީ، ލިބިފައިވާ "ލިމިޓެޑް" ބަޖެޓާއި އެކު ވެސް ރައްޔިތުންގެ ޙައްޤުގައި ކަންތަައްތަކެއް ކުރުމަށް ކައުންސިލުން ކުރިއަށްް ގެންދާ މަސައްކަތްތަކެވެ.
އައްޑޫގެ އަވަށްތަކުގައި ކުޑަކުދިންގެ ޕާކްތައް ހެދުމާއި އަދި ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް ކައުންސިލްގެ ފަރާތުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ހަންކެޑެ ސަރަޙައްދަށް މޫދަށް އެރޭ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އެ ސަރަޙައްދުގައި ލައިފް ގާޑުން ބޭތިއްބުމަށް ކައުންސިލުގެ ފަރާތުން ފޯރުކޮށްދެމުން ގެންދާ އެހީ އަކީ ވެސް، "ލިމިޓެޑް" ބަޖެޓާ އެކު ވެސް ރައްޔިތުންނަށް ކޮށްދޭ މުހިއްމު ޚިދުމަތެކެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދައްކަމުން ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ލައިފްގާޑުން ބޭތިއްބުމާ ބެހޭ ގޮތުން ކައުންސިލުން މީގެ ކުރިން ވެސް މަޝްވަރާތައް ކުރި ކަމަށެވެ.
އެހެން ނަމަވެސް އެކަން ނުވެ އޮތީ ބަޖެޓްގެ ތާށިކަމާ ހުރެ ކަމަށެވެ.
"ކައުންސިލުން ކުރަން ބޭނުންވެ ބަޖެޓް ނެތުމުން ނުކުރެވިފައި އޮތް ކަމެއް އެއީ. މެޖެންޓާގެ އިސްނެގުމަކީ، ނަމޫނާއެއް. ކައުންސިލުން މިތިބީ އިޖްތިމާޢީ ކަންކަމުގައި ހުރިހާ ރައްޔިތުންނަށް ވެސް އެހީތެރިކަން ފޯރުކޮށް ދޭން،" ކައުންސިލްގެ އޮފިޝަލް ވިދާޅުވި އެވެ.