ޖަރުމަނުވިލާތުގެ ބޮރޫޝިއާ ޑޯޓުމަންޑަށް ކުޅެމުން އައި އިކޭ ގުންޑޯގަން އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ އަށް ސޮއިކޮށްފި އެވެ.
މިއަދުގެ ވަގުތެއްގައި ގުންޑޯގަން ސިޓީ އަށް ސޮއިކޮށްފައިވާކަން އެ ޓީމުގެ އޮފިޝަލް ސައިޓުން ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ފާއިތުވެ ދިޔަ ދެ ސީޒަނުގައި ވެސް މެންޗެސްޓާ ޔުނައިޓެޑުން ހޯދަން މަސައްކަތްކޮށްފައިވާ ގުންޑޯގަން ވަނީ ދެ ސީޒަނުގައި ވެސް ޔުނައިޓެޑަށް އައުމަށް އެއްބަސް ނުވެ ކުލަބުގައި މަޑުކޮށްފަ އެވެ.
އޭނާ އޭރު ބުނެފައި ވަނީ އެހެން ކުލަބަކަށް ދިއުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
ބެޔާން މިއުނިކަށް ކުރިން ކޯޗުކަން ކޮށް ދިން ޕެޕް ގާޑިއޯލާ ސިޓީ އާ ހަވާލުވުމަށް ފަހު ގެނައި ފުރަތަމަ ކުޅުންތެރިޔަކަށް ގުންޑޯގަން ވެފައިވާއިރު ގާޑިއޯލާ އަކީ އޭނާ ރަނގަޅަށް ދަންނަ ކޯޗެކެވެ.
ކުރިން އެއްކޮށްް މަސައްކަތްކޮށްފައި ނުވި ނަމަވެސް އޭނާ ކުޅޭ ގޮތާއި ދަނޑު މަތީގައި ހަރަކާތްތެރިވާ ގޮތަކީ ގާޑިއޯލާ އަށް ފަރިތަ ކަމެކެވެ.
ގާޑިއޯލާގެ ދަށުން ސިޓީ ދެން ސީޒަނެއްގައި ކުޅޭ އިރު އޭނާ ވަނީ މިހާރު އޮތް ޓީމު އިތުރަށް ވަރުގަދަ ކުރުމަށް އާ ކުޅުންތެރިން ގެންނާނެ ކަމަށް ބުނެފައެވެ. މިއީ އެކަމުގެ ފެށުން ކަމަށް ގަބޫލު ކުރެވެ އެވެ.
ނަމަވެސް ޕްރިމިއާ ލީގުގައި ތަޖުރިބާކާރު ކޯޗުން ވަނީ ގާޑިއޯލާ އަށް ރަނގަޅަށް ތައްޔާރުވުމަށް އިންޒާރުކޮށްފަ އެވެ.
އޭނާ ކުރިން ކޯޗުކަން ކުރި ގައުމު ތަކާ އިނގިރޭސި ފުޓުބޯޅަ ތަފާތު ވާނެ ކަން ތަފާތު ދަނޑިވަޅުތަކުގައި ތަފާތު ކޯޗުން ވަނީ ހަނދާންކޮށް ދީފަ އެވެ.