ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމާ ދެކޮޅު އިދިކޮޅު ސިޔާސީ ވެރިން އިއްޔެ އިނގިރޭސިވިލާތުގައި ހަދާފައިވާ ސިޔާސީ އިއްތިހާދަކީ "ސައިބޯނި ބޮއްކެއް" ކަމަށާއި އޭގެ ސަބަބުން ސަރުކާރަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޝަންގެ ނަމުގައި އިއްޔެ ހަދާފައިވާ މި އިއްތިހާދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ކުރެއްވި ކަމަކަށް ވެފައި އެމަނިކުފާނު ފަހަތަށް ޖެހިވަޑައިގެން ކުރީގެ ނައިބު ރައީސް ޖަމީލަށް އިސް މަގާމު ދެއްވާފައިވުމަކީ ވެސް މީގައި ސުވާލު އުފެދޭ ކަމެއް ކަމަށް އުމަރު ވަނީ އިތުރުކޮށްފަ އެވެ.
މި ވަގުތަށް ޖަމީލާ އިއްތިހާދުގެ ލީޑަރުކަން ހަވާލުކޮށްފައިވީ ނަމަވެސް ރިޔާސީ އިންތިޚާބަށް ވާދަ ކުރައްވާނީ ރައީސް ނަޝީދު ކަމަށް އުމަރު ވަނީ ތުހުމަތުކޮށްފަ އެވެ.
ނަމަވެސް ޖަމީލަކީ ވެސް ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅަކަށް ވެފައި އެމަނިކުފާނުގެ ވެސް އަމިއްލަ ގޭމް ޕްލޭނެއް އޮންނާނެ ކަމަށާއި ރައީސް ނަޝީދު ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ނަމަ އެކަން ހަނދާން ކުރުމަށް އުމަރު ވަނީ ނަޝީދަށް ނަސޭހަތްތެރިވެފަ އެެވެ.
ދެހާސްއަށާރައިގެ ކުރިން ރައީސް ޔާމީން ވެރިކަމުން ދުރުކޮށް ޔުނައިޓެޑް އޮޕޮސިޝަން ރާއްޖޭގެ ވެރިކަމާ ހަވާލުވުމަކީ މި އިއްތިހާދުގެ މިވަގުތުގެ އެންމެ ބޮޑު ބޭނުން ކަމުގައިވާއިރު ސަރުކާރުގެ ފަރާތުން އެއްވެސް ބޭފުޅަކަށް އެކަމުން ޕްރެޝަރެއް ނެތް ކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް އުމަރު ވަނީ ޔަގީންކަން އަރުވައިފަ އެވެ.
މި އިއްތިހާދުގެ ލީޑަރަކަށް ހުންނަވަނީ ރައީސް ޔާމީނުގެ ފުރަތަމަ ނައިބު ރައީސް ޖަމީލެވެ.
އެ ބޭފުޅާގެ ދަށުން ތިން އެޑްވައިޒަރުންނާއި 19 ހިޔަނި ވަޒީރުން ތިއްބަވަ އެވެ.
ތިން އެޑްވައިޒަރުންގެ ގޮތުގައި ތިއްބެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމް އަދި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތެއް ކޮށްފައިވާ ޝެއިޚް އިމްރާން ޢަބްދުﷲ އެވެ.
މި ތިން ބޭފުޅުންނަކީ ވެސް މިވަގުތު ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ތިން ބޭފުޅުންކަން ފާހަގަކޮށްލެވެ އެވެ.