ދެ އެމެރިކާގެ ގައުމުތަކުގެ ދެމެދުގައި ކުޅޭ "ކޮޕަ އެމެރިކާ 2016" ގެ ފުރަތަމަ މެޗު އަމިއްލަ ގައުމުގައި އެމެރިކާ ކޮލޮމްބިއާ އަތުން ބަލިވެއްޖެ އެވެ.
ޔޫއެސްއޭ ގައި ކުޅޭ މިމުބާރާތުގެ ފުރަތަމަ މެޗު ރާއްޖެ ގަޑިން ފަތިހު 6:30 ގައި ކުޅެފައިވާ އިރު މިމެޗު ކޮލޮމްބިއާ އިން ވަނީ ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ގޯލު އަށް ވަނަ މިނެޓުގައި ކާމިޔާބުކޮށްފައި ވަނީ ކްރިސްޓިއަން ޒަޕާޓާ އެވެ. ދެވަނަ ގޯލު 42 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްފައި ވަނީ ރިއަލް މެޑްރިޑްގެ ހަމޭސް ރޮޑްރިގޭޒް އެވެ.
އެމެރިކާ ޓީމުން މެޗުގެ ބޯޅަ ގިނަ އިރު ހިފަހައްޓާފައިވީ ނަމަވެސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ގޯލާ އަމާޒުކޮށްފައި ވަނީ ކޮލޮމްބިއާއިންނެވެ.
އެމެރިކާ ދެން ކުޅެން ޖެހެނީ ކޮސްޓަރިކާ އާ ދެކޮޅަށެވެ. މުބާރާތުގައި ކުރިއަށް ދިއުމަށް ދެންއޮތް މެޗުން މޮޅުވުމަކީ މިހާރު އެމެރިކާ އެންމެ ބޮޑަށް ވިސްނައި ތައްޔާރު ވާނެ ކަމެވެ.
މިމުބާރާތުގައި މާދަމާ ކުޅޭ މެޗުތަކުގެ ތެރޭގައި ކޮސްޓަރިކާ އަދި ޕެރެގުއޭ ބައްދަލު ކުރާ މެޗާއި ބްރެޒިލްއާ އިކުއެޑޯ ބައްދަލު ކުރާ މެޗުގެ އިތުރުން ހެއިޓީއާ ޕެރޫ ބައްދަލުކުރާ މެޗު ހިމެނެ އެވެ.