"އައްޑޫ އޮންލައިން" ނޫހުން "އައްޑޫ ލައިވް" ގައި ގެނެސްދޭ ހަބަރުތައް ތަކުރާރުކޮށް ކޮޕީ ކުރަމުންދާ މައްސަލާގައި "އައްޑޫ ލައިވް" ގެ އެޑިޓޯރިއަލް ބޯޑު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މީގެ ހައެއްކަ އަަހަރު ކުރިން ފެށިގެން ހިންގަމުން އަންނަ "އައްޑޫ އޮންލައިން" އިން މި ފަހަަކަށް އައިސް "އައްޑޫ ލައިވް" ގައި ގެނެސްދޭ މުނިފޫހި ފިލުވުމުގެ ދާއިރާގެ ހަބަރުތައް ކޮޕީ ކުރަމުންދާކަން ފާހަަގަ ކުރެވެމުންދާ ކަމަށް "އައްޑޫ ލައިވް" ގެ އެޑިޓޯރިއަލް އިން ބުންޏެވެ.
އެގޮތުން "އައްޑޫ ލައިވް" ގައި ގެނެސްދޭ މުނިފޫހި ހަބަރުތައް، ހަމަ މި ނޫހުގައި ޝާއިއުކޮށްފައި ހުންނަ ގޮތަށް ނަގައިގެން "ކޮޕީ ޕޭސްޓް" ހަދައިގެން ކޮންމެ ދުވަހަކު "އައްޑޫ އޮންލައިން" ގައި ދަނީ ޝާއިއު ކުރަމުންނެވެ.
މިކަމާ ގުޅިގެން އެ ނޫހަށް ލިޔާ ބައެއް މީހުންނާއި ނޫހުގެ މަސްއޫލުވެރިޔާ ޝިލްމާ އަހުމަދާ ވެސް "އައްޑޫ ލައިވް" އިން ވަނީ މިކަން ހިއްސާކޮށްފަ އެވެ.
އެކަމަކު މިހާތަނަށް ވެސް ހަބަރުތައް ކޮޕީ ކުރުން ހުއްޓާ ނުލައި އެކަން ކުރިއަަށް ގެންދާތީ މި ނޫހުން ދެކެނީ "އައްޑޫ ލައިވް" ގެ ނޫސްވެރިންގެ ފިކުރީ މުދަލުން "އައްޑޫ އޮންލައިން" ނޫހުން "ވައްކަން ކުރަމުންދާ" ކަަމަށެވެ.
އަދި މިއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް "އައްޑޫ ލައިވް" އިން ދެކޭކަން ވެސް މި ފުރުސަތުގައި ނޫހުން ވަނީ ފާހަގަކޮށްފަ އެވެ.
"އައްޑޫ އޮންލައިން" ގައި ލިޔާ މީހުންގެ އުފެއްދުންތެރިކަން ކުޑަވެ، އެހެން ނޫސްތަކުގައި ހުންނަ ހަބަރުތައް ކޮޕީ ކުރަނީ ނޫހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދޭތީ ކަމަށް އެނގިފައިވެ އެވެ.
އެގޮތުން މީގެ ކުރިން އެ ނޫހަށް ލިޔަމުން ދިޔަ ނޫސްވެރިއަކު މިދިޔަ އެޕްރީލް މަހުން ފެށިގެން، ނޫހަށް މަސައްކަތް ކުރުން ހުއްޓާލި އިރު، ދެ މަހުގެ މުސާރަ ލިބިފައި ނުވާތީ އޭނާ ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އޭނާ ބުނި ގޮތުގައި މިދިޔަ ފެބްރުއަރީ މަހާއި މާޗް މަހުގެ މުސާރަ ނުލިބިގެން ޝިމްލާ އާ އެ ވާހަކަ ހިއްސާ ކުރުުމުން މުސާރަ ނުދެވިގެން އުޅެނީ ނޫހަށް އިޝްތިހާރު ދޭ ފަރާތްތަކުން ފައިސާ ނުދޭތީ ކަމަށް ބުނެފައިވާ ކަަމަށެވެ.
އަދި އޭގެ ފަހުން މިހާރު ދެ މަސް ފާއިތުވެގެން ދިޔަ އިރު، މުސާރަ ނުލިބިގެން މަސްއޫލުވެރިޔާ އާ އެކަން ހިއްސާ ކުރުމުން އެއަށް އެއްވެސް ޖަބާވެއް ދީފައި ނުވާ ކަމަށް އެ ނޫސްވެރިޔާ ބުންޏެވެ.
"އައްޑޫ ލައިވް" ގައި ގެނެސްދޭ ހަބަރުތައް ކޮޕީ ކުރުން ހުއްޓާލައި، ޒިންމާދާރުކަމާ އެކު، އުފެއްދުންތެރި މަސައްކަތެއް "އައްޑޫ އޮންލައިން" ގެ ނޫސްވެރިން ކުރުމަށް "އައްޑޫ ލައިވް" އިން ގޮވާލަ އެވެ.
"އައްޑޫ ލައިވް" އަކީ "އައްޑޫ އޮންލައިން" އަށް ވުރެ ތިން އަހަރު ހަގު ނޫހެކެވެ. މި ނޫހުގެ ހަބަރުތައް މިއަށް ވުރެ ދޮށި ނޫހަކުން ކޮޕީ ކުރުމަކީ އެ ނޫހުގެ ފެންވަރާއި ހާލަތު ހާމަވެގެންދާ ކަމެކެވެ.