Last Updated: November 24, 23:51
Sunday, November 24, 2024
ކުޅިވަރު

"ޔުނައިޓެޑް ނޫން ޓީމަކަށް ޕްރިމިއާ ލީގްގައި ނުކުޅޭނަން"

މެންޗެސްޓާ ޔުނައިޓެޑް އަދި އިނގިރޭސިވިލާތުގެ ކެޕްޓަން ވޭން ރޫނީ ކެރިއަރު ނިންމާލަން ކުރީގެ ކުލަބު އެވަޓަންއަށް އެނބުރި ދިއުމުގެ ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައި ޔުނައިޓެޑް ނޫން އެހެން ޓީމަކަށް ޕްރިމިއާ ލީގުގައި ނުކުޅޭނެ ކަމަށް ބުނެފި އެވެ.

ރޫނީ މިހެން ބުނެފައި ވަނީ ޔުނައިޓެޑުގެ އާ ކޯޗު މޮރީނިއޯ ރޫނީ އަށް ތައުރީފުކޮށް ވާހަކަ ދައްކާފައި ވަނިކޮށެވެ.

މޮރީނިއޯ ބުނެފައި ވަނީ ރޫނީއަކީ ފާއިތުވެ ދިޔަ ދިހަ އަހަރުގައި ވެސް އިނގިރޭސިވިލާތުގައި އެންމެ މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިޔާ އެވެ.

އޭނާ ޗެލްސީގައި ކޯޗުކަން ކޮށްފައިވާ އަހަރުތަކުގައި ރޫނީ އެޓީމަށް ގެންނަން ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.

މޮރީނިއޯ ޔުނައިޓެޑާ ހަވާލުވެ ފުރަތަމަ އަށް ވެސް ރޫނީ އަށް ފޯންކޮށް އަންނަ ސީޒަނުގައި އޭނާގެ ކެޕްޓަނެއްގެ ގޮތުގައި ހުންނާނީ ރޫނީ ކަމަށް ބުނެފައިވާ ކަމަށް އިނގިރޭސި މީޑިޔާތަކުގައި ވަނީ ހަބަރު ފެތުރިފައެވެ.

Newcastle-v-Manchester-United

އިނގިރޭސި ވިލާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލާފައި މިހާރު އޭނާ އަންނަނީ މެންޗެސްޓާ ޔުނައިޓެޑްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލުމުގެ މަސައްކަތް ކުރަމުންނެވެ.

ރޫނީގެ ޕްރިމިއާ ލީގު ކެރިއާ ނިންމާނީ ޔުނައިޓެޑުގައި ކަމަށް އޭނާ ބުނެފައިވާ އިރު އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ނިންމާލާނީ ކޮން ޓީމެއްގައި ހުރެގެން ކަމެއް އަދި ޔަގީނެއް ނޫނެވެ.

އެމެރިކާގެ މޭޖަރ ލީގް ސޮކާ އިން އޭނާ ފެނިގެންދާނެ ކަމަށް ބެލެވޭ އިރު ގިނައަދަދެއްގެ ފައިސާއަށް ޗައިނާ ނުވަތަ ގަތަރުގެ ޓީމަކުން ފެނިގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ބާރަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެދީފައިވާ ރޫނީ ވަނީ އޭނާގެ ޓީމަށް ހޯދައި ދެވޭނެ ހުރިހާ ތަށްޓެއް ޔުނައިޓެޑުގައި ހުރެގެން ހޯދައިފަ އެވެ.

އިންޑިވިޖުއަލް އެވޯޑުތަކާއި ހަނދާނުން ފިލުވައި ނުލެވޭނެ ގޯލުތަކެއް ވެސް ޓީމަށް ޖަހައި ދީފަ އެވެ.