ޔޫރޯ 2016 ގައި ކުޅެވުނު ފުރަތަމަ މެޗުން ފްރާންސް ރޯމޭނިއާގެ މައްޗަށް ކުރިހޯދައި ގައުމުގެ ނަން ހިފަހައްޓައިފި އެވެ.
ފްރާންސުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗު މިރޭ ކުޅެފައިވާއިރު މުބާރާތް ހުޅުވައި ދިނުމުގެ ރަސްމިއްޔާތް ވަނީ ކުލަގަދަކޮށް ފާހަގަކޮށްފަ އެވެ.
ކޮންމެ 4 އަހަރަކުން އެއް އަހަރު ބާއްވާ ޔޫރޯ މުބާރާތުގެ މިފަހަރުގެ ހޯސްޓް، ފްރާންސް މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވެފައި ވަނީ ހަނިގޮތަކަށް 1-2 ގެ ނަތީޖާއަކުން ރޯމޭނިއާގެ މައްޗަށް ކުރިހޯ ދައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރުވެ ނިމުނުއިރު މެޗުގެ ފުރަތަމަ ގޯލު ފެނިގެން ގޮސްފައި ވަނީ ދެވަނަ ހާފުގައި، މެޗުގެ 57 ވަނަ މިނެޓުގައި އާސެނަލްގެ ފޯވާޑް އޮލީވިއާ ޖިރޫޑް ބޮލުން ޖެހި ގޯލަކާ އެކު އެވެ.
ނަމަވެސް 65 ވަނަ މިނެޓުގައި ރޯމޭނިއާ އަށް ލިބުނު ޕެނަލްޓީއެއް ބޮގްޑަން ވަނީ ގޯލުގެ ތެރެއަށް ވައްދާލައިގެން މުބާރާތުގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ.
ނަތީޖާ ހަމަހަމަ ކުރުމަށް ފަހު ފްރާންސުން މެޗުގެ ލީޑު ދެވަނަ ފަހަރަށް ނެގުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރި އެވެ.
ނަމަވެސް 20 މިނެޓު ފާއިތުވެގެން ދިޔައިރު ވެސް އިތުރު ގޯލެއް ފެންނާނެ ގޮތެއް ނުވިއެވެ.
މެޗު ނިމެން ކައިރިވެ، ގައުމީ ސަޕޯޓަރުން މާޔޫސްވެ ދަނޑުން ނިކުންނަން ތައްޔާރުވެފައި ވަނިކޮށް ފެނިގެން ދިޔައީ ޑިމީޓްރީ ޕަޔެޓް ޑީ އޭރިއާވެސް ބޭރުން ފޮނުވާލި ބާރު ބޯޅަ ގޯލުގެ ތެރެއަށް ވަދެގެން މެޗުގައި ދެވަނަ ފަހަރަށް ފްރާންސުން ލީޑު ނެގިތަނެވެ.
އަށްޑިހަ އަށް ވަނަ މިނެޓުގައި ޕަޔެޓް ގޯލު ޖަހާފައިވާ އިރު އޭރު ކޯޗު ވަނީ އޭނާ ބާލަން ބަދަލު ރެފްރީ އަށް އަންގައިފަ އެވެ.
މުބާރާތުގެ ފުރަތަމަ މޮޅު ގައުމީ ޓީމަށް ކާމިޔާބުކޮށް ދޭން އެހީވެ ދެވުނީތީ އޭނާ ދަނޑުން ފައިބައިގެން ދިޔައީ އުފަލުގެ ކަރުނަތައް މޫނުން ފައިބަމުން ދިޔަ ހާލުގަ އެވެ.
ޕެޔެޓްގެ 88 ވަނަ މިނެޓުގެ ގޯލާ އެކު ފުރާންސް މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފައިވާ އިރު މާދަމާ ރޭ ރާއްޖެ ގަޑިން 9:00 ގައި މިގްރޫޕުގެ ދެވަނަ މެޗުގައި ސުވިޒަލޭންޑު އަލްބޭނިއާ އާ ދެކޮޅަށް ނިކުންނާނެ އެވެ.
އަދި ދަންވަރު 00:00 ގައި ގްރޫޕް ބީ ގެ ވޭލްސް އާއި ސްލޮވޭކިއާ ބައްދަލު ކުރާ މެޗު ކުޅޭއިރު ދަންވަރު 3:00 ގައި އިނގިރޭސިވިލާތާ ދެކޮޅަށް ރަޝިއާ ކުޅޭ މެޗު ކުޅޭނެ އެވެ.