ކޮޕަ އެމެރިކާ 2016 ގައި އާޖެންޓީނާ ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި އެވެ.
ޕެނަމާ އާ ދެކޮޅަށް ރޭ އާޖެންޓީނާ ކުޅުނު އިރު އެ ޓީމް ބަލިކޮށްފައި ވަނީ 0-5 ގެ ބޮޑު ނަތީޖާއަކުންނެވެ.
މެޗުގެ ހަތް ވަނަ މިނެޓުގައި ނިކްލަސް އޮޓަމެންޑީ ޑިމަރިއާ ނަގައި ދިން ކޯނަރެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދައިގެން ލީޑް ނެގި އެވެ.
ގޯލަށް ފަހު ގިނަ އަދަދެއްގެ ރީނދޫ ކާޑުތަކެއް މެޗުގައި ފެނިގެން ގޮސްފައިވާ އިރު ޕެނެމާގެ ގޮޑޮއި އަށް ވަނީ 15 މިނެޓްތެރޭ ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފު 0-1 ގެ ނަތީޖާ އަކުން ނިމިގެން ގޮސް، ދެވަނަ ހާފު ފެށިގެން 15 މިނެޓުގެ ކުޅުމަށްފަހު އާޖެންޓީނާގެ ކެޕްޓަން ލިއޯ މެސީ ވަނީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ދުވަސްތަކެއް ހުރުމަށްފަހު އަލުން ޓީމާ ބަައިވެރިވެފައެވެ.
މެސީ ކުޅެން ނިކުތްތާ ގިނަ އިރުތަކެއް ނުވެ އޭނާ ވަނީ ގޯލެއް ޖަހައިފަ އެވެ. ފަސްދޮޅަށް އަށް ވަނަ މިނެޓުގައި ފުރަތަމަ ގޯލް ޖަހާފައިވާ އިރު، 10 މިނެޓު ފަހުން އޭނާގެ ރޭގެ ދެވަނަ ގޯލު ޖެހި އެވެ. އޭގެ ދެ މިނެޓު ފަހުން އޭނާ ވަނީ ހެޓްރިކު ހަދައި މެޗުގެ ނަތީޖާ 0-4 އަށް ބޮޑުކޮށްފަ އެވެ.
މެސީގެ ހެޓްރިކާ އެކު އޭނާ ވަނީ ކޮޕަ އެމެރިކާގެ ޓޮޕް ސްކޯރާ އެންމެ 30 މިނެޓުގެ ކުޅުމުގެ ތެރޭގައި ހޯދައިފަ އެވެ.
މި މޮޅާ އެކު އާޖެންޓީނާ އަށް ވަނީ ކުއާޓާގެ ފުރުސަތު ޔަގީންވެފަ އެވެ.
ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ ތިން މެޗުން ދެ މެޗު ކާމިޔާބުކޮށްފައިވާ އިރު 2 ވަނަ އަދި 3 ވަނައިގައި އޮތް ދެ ޓީމަށް ވެސް ލިބިފައި ވަނީ އެންމެ 3 ޕޮއިންޓެވެ.
އެހެންކަމުން ދެން ކުޅޭ މެޗުގައި ޗިލީ އަދި ޕެނެމާ، ދެޓީމު ވެސް ކުއާޓާ އަށް ދާން މެޗުން މޮޅުވާން މަޖުބޫރުވާނެއެވެ.
މުުބާރާތުގެ ދެން ހުރި ގުރޫޕުތަކަށް ބަލާ އިރު ގްރޫޕް އޭ އިން ކޮލޮމްބިއާ ވަނީ ކުއާޓާ އަށް ގޮސްފަ އެވެ. އެމެރިކާ ދެން ކުޅޭ މެޗުން ޕޮއިންޓެއް ހޯދައިފިވީ ނަމަވެސް އެ މީހުން ވެސް ކުއާޓާ އަށް ދާނެ އެވެ.
ގްރޫޕް ބީ ގައި ބްރެޒިލް އަދި ޕެރޫ ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ.
ގްރޫޕް ސީގައި މެކްސިކޯ އަދި ވެނެޒުއޭލާ ދެޓީމަށް ވެސް ވަނީ ކުޅުނު ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓު ލިބި ކުއާޓާ އަށް ގޮސްފަ އެވެ.
ލަލީގާގެ މިސީޒަނުގެ ޓޮޕް ސްކޯރާ ސުއަރެޒްގެ ބައިވެރިވުމާ ނުލާ އުރުގުއޭ ކުޅުނު ދެ މެޗުން ވެސް ބަލިވެ އެ ޓީމް ވަނީ މިހާރު މުބާރާތުން ކަޓައިފަ އެވެ.