ޔޫރޯ 2016 ގައި ގްރޫޕް ބީގެ ފުރަތަމަ މެޗު ވޭލްސް ކާމިޔާބުކޮށް ދެވަނަ މެޗު އިނގިރޭސިވިލާތާއި ރަޝިޔާ އެއްވަރުވެ ތާވަލައިގެ އެއްވަނައަށް ވޭލްސް އަރައިފި އެވެ.
މި ގްރޫޕުގެ ފުރަތަމަ މެޗުގައި ވޭލްސް އާއި ސްލޮވޭކިއާ ބައްދަލުކޮށް ވޭލްސް މެޗު ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ. މެޗުގެ އެންމެ ފުރަތަމަ ބޮޑު ފުރުސަތު ލިބިފައި ވަނީ 3 ވަނަ މިނެޓުގައި ސްލޮވޭކިއާގެ ހެމްސިކް އަށެވެ.
ދެ ޑިފެންޑަރުންނާއި ކީޕަރު ނައްޓުވާލާފައި ހެމްސިކް ގޯލަށް ފޮނުވި ބޯޅަ ކީޕަރުގެ ފަހަތުން ގޮސް ވޭލްސްގެ ބެން ޑޭވިސް ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 10 ވަނަ މިނެޓުގައި އޭރިއާ ކައިރިން ލިބުނު ހިލޭ ޖެހުމެއް ގެރެތް ބޭލް ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފައެވެ. ބޭލްގެ މިގޯލާއެކު އޭނާ ވަނީ ޔޫރޯގައި ޑައިރެކްޓް ފްރީ ކިކަކުން ގޯލެއް ކާމިޔާބުކުރި ފުރަތަމަ އިނގިރޭސި (ގްރޭޓް ބްރިޓެއިންގެ ގައުމުތަކުގެ މީހުން) އަށެވެ.
މެޗުގެ ފުރަތަމަ ހާފު 0-1 އިން ވޭލްސް ކުރީގައި އޮވެ ނިމިފައިވާއިރު ދެވަނަ ހާފު ފެށިގެން 61 ވަނަ މިނެޓުގައި ސްލޮވޭކިއާ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް މެޗު ނިމެން 10 މިނެޓަށްވެފައިވަނިކޮށް ވޭލްސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮބްސަން ކަނޫ އެވެ.
ދެވަނަ މެޗުގައި އިނގިރޭސި ވިލާތާއި ރަޝިޔާ ބައްދަލު ކުރި މެޗު ނިމިގެންގޮސްފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ބޮޑުބައިގައި އިނގިރޭސިން ކުޅެފައިވާއިރު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިންގ އާއި ލިވަޕޫލްގެ އެޑަމް ލަލާނާ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ފުރަތަމަ ގޯލު ޖަހާފައިވަނީ ލިބުނު ހިލޭ ޖެހުމަކުން އެރިކް ޑަޔާއެވެ. 90 ވަނަ މިނެޓުގައި ރަޝިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދީފައިވަނީ ބެރެޒެޓުސްކީއެވެ.
ލެސްޓާގެ ވާޑީ ބެންޗުގައި ބެހައްޓައި ޖޭމްސް މިލްނާ ކުޅެން އެރުވުމުން ގިނަ އަދަދެއްގެ އިނގިރޭސި ސަޕޯޓަރުން ވަނީ ރުޅިއައިސް ރަތް ވެފައެވެ. މެޗަށްފަހު ކެޕްޓަން ވޭން ރޫނީ ބުނެފައިވަނީ އެއްވަރު ކުރުމުން އިހުސާސްވަނީ ބަލިވީ ކަމަށެވެ.