ހިތަދޫގައި ރޭ މާރީމާރީއެއް ހިންގައި ފަސް މީހަކު ޒަހަމްކޮށްލާފައި ވަނިކޮށް ފުލުހުންގެ ހިންގި އޮޕަރޭޝެއްގައި ޖުމްލަ 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ޙުސައިން ސަމީރު ވިދާޅުވީ ރޭގެ މާރާމާރީ އާއި ގުޅިގެން ވަގުތުން ފުލުހުންގެ އޮޕަރޭޝަނެއް ފަށައި އިތުރު ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށް އައްޑޫގައި މަސައްކަތްކުރާ ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން ރޭ ހިންގި އޮޕަރޭޝަންގައި 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭގެ ތެރެއިން 10 މީހެއްގެ ބަންދުގެ މުއްދަތު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހަށް އިތުރުކޮށް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މީހުންގެ ތެރޭގައި މަސްތުގެ ޙާލުގައި ގެނެވުނު މީހުން ހިމެނޭ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
އަދި ރޭގެ މާރާމާރީ ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވި ހުރިހާ މީހުން ތަހުގީހަށް ހާޒިރުކޮށް އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ހުއްޓާ ނުލައި ކުރިޔަށް ގެންދާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ހައްޔަރު ކުރަން ޖެހުނު ކޮންމެ މީހަކުވެސް ކޯޓު އަމުރު ހޯދައިގެން ހައްޔަރު ކުރާނެ ކަމަށެވެ.
އައްޑޫގައި މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ތަންތަން ބަލައި ފާސްކޮށް ކަމެއް ނެތި މަގުމަތީގައި އުޅޭ މީހުންނާއި ސުވާލު ކުރާނެ ކަމަށާއި ބޭނުމެއް ނެތި ދަންވަރުގެ ވަގުތުތަކުގައި އުޅޭ މީސްމީހުން ބަލައި ފާސް ކުރަމުން ގެންދާނެ ކަމަށް ވެސް ސަމީރު ވިދާޅުވިއެވެ.
އޭނާ އަދި ވިދާޅުވީ ގުރޫޕް ހަދައިގެން އެކި ސަރަޙައްދުތަކުގައި ތިބޭ ނަމަ އެ ބަޔަކާ ވެސް ސުވާލުކޮށް އެފަދަ މީހުން ފޮނުވާލުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށެެވެ.
ފުލުުހުން ބުނީ އައްޑޫގައި ހިނގާ ކުށްތައް މަދުކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ.