ޔޫރޯ 2016 ގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުތައް ކުރިއަށް ދާ އިރު ސްލޮވޭކިއާ އަދި ރަޝިޔާ ބައްދަލު ކުރި މެޗު 1-2 ގެ ނަތީޖާ އަކުން ސްލޮވޭކިއާ މޮޅުވެއްޖެ އެވެ.
މުބާރާތް ފެއްޓުނުއިރު ބަލި ޓީމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އައި ސްލޮވޭކިއާ ޓީމު ވަނީ ކުޅުނު ދެ މެޗުގައި ފޯރިގަދަ، ރަނގަޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ މެޗުގައި ވޭލްސް އާ ދެކޮޅަށް ކުޅެ 1-2 ގެ ނަތީޖާ އިން ބަލިވިނަމަވެސް ސްލޮވޭކިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މެޗުގެ ފުރަތަމަ ގޯލު 31 ވަނަ މިނެޓުގައި ޖަހާފައިވަނީ ވެއިސް އެވެ. 45 ވަނަ މިނެޓުގައި ލީޑު ފުޅާ ކުރީ ހެމްސިކް ގެ ގޯލަކުންނެވެ. ހެމްސިކަކީ ފުރަތަމަ މެޗުގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިޔެކެވެ.
ރަޝިޔާގެ ހަމައެކަނި ގޯލު 80 ވަނަ މިނެޓުގައި ޖަހާފައިވަނީ ޑެނިސް ގުލްޝަކޮވްއެވެ. ފުރަތަމަ މެޗުގައި އިނގިރޭސިވިލާތާ ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައި، މެޗުގެ ކުރިންނާއި ފަހުން ސަޕޯޓަރުން ހިންގި ހަމަނުޖެހުމާއި ގުޅިގެން ޔުއެފާ އިން ވަނީ ރަޝިޔާއަށް އެފަދަ އަމަލެއް ތަކުރާރު ކޮށްފިނަމަ މުބާރާތުން ޑިސްކޮލިފައި ކުރާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އަދި 150،000 ޕައުންޑުން ޓީމު ޖޫރިމަނާވެސް ކޮށްފައިވެއެވެ.
މާދަމާ އިނގިރޭސިވިލާތް އަވަށްޓެރި ވޭލްސް އާ ދެކޮޅަށް ކުޅޭއިރު މިހާރު ގްރޫޕްގެ އެއްވަނަ އަދި ދެވަނައިގައި ވޭލްސް އަދި ސްލޮވޭކިއާ އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. ތިންވަނައިގައި އިނގިރޭސިން އޮތީ އެއް ޕޮއިންޓާއެކުއެވެ. ފުލުގައި ރަޝިޔާ އެއް ޕޮއިންޓާއެކު އޮތްއިރު ވޭލްސް އާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވާން މަޖުބޫރު ވާނެއެވެ. މާދަމާ އިނގިރޭސިވިލާތަށްވެސް މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނަޅައި ދިއުމަށް މޮޅުވާން ވަރަށްވެސް މުހިއްމެވެ.