ޔޫރޯ 2016 ގައި ގްރޫޕް ސްޓޭޖް ފަހަނަޅައި ރައުންޑް އޮފް 16 އަށް ދިޔަ ފުރަތަމަ ޓީމަށް ގްރޫޕް އޭ އިން ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްގެން ފްރާންސް ޓީމު ވެއްޖެ އެވެ.
ރޭ އަލްބޭނިއާ އާ ދެކޮޅަށް ކުޅުނު މެޗު ފްރާންސް ކާމިޔާބުކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ. މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ގްރީޒްމެން އަދި ޕޮގްބާ އާ ނުލާ ފެށި މިމެޗުގެ ފުރަތަމަ ހާފުގައި އެދެވޭ ކުޅުމެއް ފްރާންސުގެ ފަރާތުން ދެއްކިފައިނުވެއެވެ.
ޑިފެންސުގައި ހުށިޔާރު ކަމާއެކު އަލްބޭނިއާ ކުޅެމުން ދިޔައިރު އެމީހުންގެ ގޭމް ބިނާ ކޮށްފައިވަނީ ކައުންޓާ އެޓޭކަށެވެ.
މެޗުގެ ފުރަތަމަ ގޯލުވެސް ފްރާންސަށް ޖެހިފައިވަނީ 90 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި ގްރީޒްމެންގެ ފަރާތުންނެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް ފްރާންސުން ލީޑު ނަގައި އަލްބޭނިއާ މެޗު ފެށުމުން ފްރާންސުން ވަނީ އަނެއްކާވެސް ގޯލެއް ޖަހާފައެވެ.
ޑިމިޓްރީ ޕަޔެޓް ގެ ގޯލާ އެކު އަލްބޭނިއާގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތް ދިޔައީ ފަންފުލުންނެވެ. އެމީހުން ކުރި މަސައްކަތަށް ބަލާއިރު ޕޮއިންޓެއް ރޭގެ މެޗުން އެމީހުންނަށް ހައްގެވެ. ނަމަވެސް ޓީމުގެ ކޯޗު ބުނެފައިވަނީ މިއީ ފުޓުބޯޅަ ކަމަށާއި ނަތީޖާ އާ މެދު ދެރަވި ނަމަވެސް ކުޅުންތެރިން ކުރި ހިތްވަރަށް އައްސަރި ބަހާއި ސާބަސް ރައްދުކުރާކަމަށެވެ.