ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާ އެކު ހިތަދޫން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރު ކުރީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ކުރިމަތިންނެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަށިގަނޑު ބަލައި ފާސްކުރި އިރު އޭނާ ލައިގެން ހުރި ބޮކްސާ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި އެއް ރަބަރު ޕެކެޓު ވަނީ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރަކުން ބަލާއި ފާސް ކުރި އިރު މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ހުސް ރަބަރު ޕެކެޓު ވެސް ފެނިފައިވެ އެވެ.
އޭނާ ބަންދާ މެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.