ރައީސް އަބްދުﷲ ޔާމީންގެ ނައިބް ރައީސަކަށް ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ޖިހާދު މިއަދު އައްޔަން ކުރައްވައިފަ އެވެ.
ނައިބް ރައީސަކު ނެތި އަށެއްކަ މަސްވެެފައިވާ އިރު، އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު އަދީބްގެ މައްޗަށް ބޮޑެތި ކުށްތަކެއް ސާބިތުވެގެން މިހާރު ހުންނެވީ ޖަލުގަ އެވެ.
ނައިބް ރައީސަަކަށް އަދީބް ހަމަޖެއްސީ އިންތިހާބީ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓްގައި އެ މަނިކުފާނު މަގާމުން ވަކި ކުރެއްވުމަށް ފެންނަ ކަމަށް ނެގި ވޯޓާ އެކުގަ އެވެ.
ޑރ. ޖަމީލް މިހާރު ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ.
ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޖިހާދު ނައިބް ރައީސަކަށް ހަމަޖެއްސެވި އިރު، މިއީ މި ސަރުކާރުގެ ތިން ވަނަ ނައިބް ރައީސެވެ.
ރައީސް ޔާމީން މިހާރު ވަނީ ކެބިނެޓަށް ވެސް އާ ބޭފުޅުންތަކެއް އައްޔަން ކުރައްވައިފަ އެވެ.
ހުސްވި ހޯމް މިނިސްޓަރުކަމުގެ މަގާމަށް، މިހާތަނަށް ޔޫތު މިނިސްޓަރުކަމުގައި ހުންނެވި އަހުމަދު ޒުހޫރު، ފިނޭންސް މިނިސްޓަރުކަމަށް އަހުމަދު މުނައްވަރު، ހެލްތު މިނިސްޓަރު ކަމަށް އަބްދުﷲ ނާޒިމް އިބްރާހިމް، ޖެންޑަ އެންޑް ފެމިލީ މިނިސްޓަރަކަށް އައިމިނަތު ޒެނީޝާ ޒަކީ، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމަށް، މިހާތަނަށް ހެލްތު މިނިސްޓަރުކަމުގައި ހުންނެވި އިރުތިޝާމް އާދަމް ވަނީ އައްޔަން ކުރައްވައިފަ އެވެ.
ކެބިނެޓަށް އަލަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން މުނައްވަރު މިހާތަނަށް ހުންނެވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގަ އެވެ.
ހެލްތު މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ނާޒިމް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އަކަށެވެ. ޒެނީޝާ އެންމެ ފަހުން ސަރުކާރުގައި މަސައްކަތް ކުރެއްވީ ފޮރިން މިނިސްޓްރީގަ އެވެ.