ވިއްކަން ތައްޔާރުކޮށްފައި ހުރި މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓްތަކަކާއ ސެލޯފިންކޮޅުތަކަކާ އެެކު ފޭދޫން ބަޔަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލާގައި ހައްޔަރު ކުރީ 24 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 48 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން ހައްޔަރު ކުރީ މަސްތުވާތަކެތި ގެންގުޅެ އެތަކެތި ކުދިކޮށް ބަންދު ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ފޭދޫ، މަގިކެޑަގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ގެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެއްހުރި ފިލުމު ހުސްކުރި ދަޅަކާއި 105 ސެލޯފިންކޮޅާއި ހަތަރު ރަބަރު ޕެކެޓް ފެނިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ބަންދުގައި ބައި ތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ.