ޔޫރޯ 2016 ގެ ފަހު 16 ގެ މެޗުތައް ކުޅެމުންދާއިރު ހޯސްޓު ފްރާންސް ރިޕަބްލިކް އޮފް އަޔަލޭންޑާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި ފްރާންސް ކާމިޔާބުކޮށްފި އެވެ.
މިމެޗު ފްރާންސް ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއިންނެވެ. މެޗުގެ ވަރަށް ކުރީކޮޅު އަޔަލެންޑަށް ލިބުނު ޕެންލްޓީއެއް ކާމިޔާބުކޮށް އަޔެލެންޑުން ވަނީ ލީޑު ނަގާފައެވެ.
ދެވަނަ މިނެޓުގައި އަޔަލެންޑަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ ރޮބާޓް ބްރޭޑީއެވެ. ގޯލަށް ފަހުވެސް އަޔަލެންޑުން މޮޅު ކުޅުމެއް ދައްކައި ގޯލު ޖެހުމަށް މަސައްކަތް ކުރި ނަމަވެސް އަމިއްލަ ގައުމުގައި ކުޅުނު ފްރާންސުން ވަނީ މެޗު ޑޮމިނޭޓުކޮށްފައެވެ.
ފުރަތަމަ ހާފު އަޔަލެންޑު ކުރީގައި އޮވެ ނިމިފައިވާއިރު ފްރާންސުގެ ފުރަތަމަ ގޯލު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. 58 ވަނަ މިނެޓުގައި ނަގައި ދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ގްރީޒްމެންއެވެ.
3 މިނެޓު ފަހުން ޖިރޫޑް ބޮލުން އޭރިޔާ ތެރެއަށް ވައްޓާލި ބޯޅަ ކީޕަރާ އެކަނި ކުރިމަތިލައި ގްރީޒްމެން ވަނީ ގޯލުގެތެރެއަށް ބޯޅަ ފޮނުވައި މެޗުގެ ލީޑު ނަގާފައެވެ.
ފަސް މިނެޓު ފަހުން އަނެއްކާވެސް ގްރީޒްމެންއަށް އޭރިޔާތެރެއަށް ވަންނަން ލިބުމުން އަޔަލޭންޑުގެ ޝޭން ޑަފީ ވަނީ އޭނާ ވައްޓާލައިފައެވެ. ރެފްރީ ވަނީ އޭނާގެ މިފައުލަށް ރަތް ކާޑު ދައްކާފައެވެ.
ދިހަ ކުޅުންތެރިންނާއެކު ފަހު ތިރީސް މިނެޓު އަޔަލެންޑުން ކުޅުނުއިރު އެމީހުންވަނީ ފްރާންސަށް އިތުރު ގޯލެއް ޖެހުނަނުދީ ހިފަހައްޓާފައެވެ. ނަމަވެސް އެއީ ޓީމަށް މުބާރާތުގައި އިތުރަށް ކުރިއަށް ދެވޭނެ ވަރުގެ ނަތީޖާއެއް ނޫނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލަށް މިހާރު ދަތުރު ކޮށްފައިވާ ޓީމުތަކަކީ ޕޮލެންޑު، ވޭލްސް، ޕޯޗުގަލްގެ އިތުރުން ފްރާންސެވެ.
ނޮކް-އައުޓް ސްޓޭޖުގެ އިތުރު ދެ މެޗެއް މިރޭ ކުޅޭނެ އެވެ. 09:00 ގައި ޖަރުމަނުވިލާތް ސްލޮވޭކިއާ އާ ދެކޮޅަށް ނިކުންނައިރު ދަންވަރު 00:00 ގައި ބެލްޖިއަމް ނިކުންނާނީ ހަންގޭރީ އާ ދެކޮޅަށެވެ.