އެމެރިކާގައި ކުޅޭ ކޮޕަ އެމެރިކާ 2016 ގެ ފައިނަލުގައި އަނެއްކާވެސް އާޖެންޓީނާ އަދި ޗިލާ ބައްދަލުކޮށް ޕެނަލްޓީ ޖަހައިގެން އަނެއްކާވެސް ޗިލީ މުބާރާތް ކާމިޔާބުކޮށްފި އެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އާޖެންޓީނާ ވަނީ ޗިލީ ބަލިކޮށް ގްރޫޕުގެ އެއްވަނަ ނަގާފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެފައިވަނީ ދެޓީމަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. މެޗުގައި ލިބުނު އެންމެ ހުސް ފުރުސަތު އާޖެންޓީނާގެ ގޮންޒާލޯ ހިގުއެއިން ވަނީ ބޭކާރުކޮށްލާފައެވެ.
މެޗު ނިމެން ކައިރި ވެފައިވަނިކޮށް އާޖެންޓީނާގެ ސާޖިއޯ އެގުއޭރޯ ބޮލުން ފޮނުވާލި ބޯޅަ ޗިލީގެ ކީޕަރު ބްރާވޯ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
90 މިނެޓު ގޯލެއް ނުޖެހި އެއްވަރު ވުމުގެ ސަބަބުން އިތުރު ވަގުތުގެ ގޮތުގައި 15 މިނެޓުގެ ދެހާފު ކުޅެގެންވެސް ނަތީޖާ އަށް ބަދަލެއް ގެނެވިފައެއް ނުވެއެވެ.
ގޯލެއް ނުފެނި އިތުރު ވަގުތު ނިމުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ފުރަތަމަ ޕެނަލްޓީ ޗިލީގެ ވިޑާލް ފޮނުވިއިރު އާޖެންޓީނު ކީޕަރު ރޮމޭރޯ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ ކެޕްޓަން މެސީ ޖަހާފައިވަނީ ބޭރަށެވެ.
ދެވަނަ އަދި ތިންވަނަ ޕެނަލްޓީ ދެޓީމުންވެސް ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް އާޖެންޓީނާގެ 4 ވަނަ ޕެނަލްޓީ ބްރާވޯ ވަނީ ދިފާއުކޮށްފައެވެ.
މިއީ ޖެހިޖެހިގެން ތިން ވަނަ އަހަރު ތިން ފައިނަލަށް އާޖެންޓީނާ ދަތުރުކޮށް ބަލިވި ތިންވަނަ ފަހަރެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޖަރުމަނު އަތުން 0-1 އިން ބަލިވެ، ޖެހިގެން އައި އަހަރު ކޮޕަ އެމެރިކާ ފައިނަލުގައި ޗިލީ އަތުން ޕެނަލްޓީގައި 1-4 އިން ބަލިވެ މިއަހަރު އަނެއްކާވެސް އެމުބާރާތުން ޕެނަލްޓީގައި 2-4 އިން ވަނީ ބަލިވެފައެވެ.