Last Updated: November 24, 19:19
Sunday, November 24, 2024
ވިޔަފާރި

ހިއްސާގެ ބާޒާރަށް އަމިއްލަ ކުންފުންޏެއް

ރާއްޖޭގައި އަމިއްލަ ކުންފުންޏަކަށް ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް ފުރަތަމަ ފަހަރަށް ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފި އެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ގައި ލިސްޓު ކުރި މި ކުންފުންޏަކީ 2008 ވަނަ އަހަރުގައި އުފެދިފައިވާ ސްޕެކްޓްރާ ޕަބްލިކް ލިމިޓެޑް ނަމަކަށް ކިޔާ އިމާރާތްތަކުގެ އެތެރެއާއި ބޭރު ނިންމުމަށް ބޭނުންކުރާ ތަކެތި ފޯރުކޮށްދޭ ކުންފުންޏެކެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމެއްގައި ސްޕެކްޓްރާ އެމްއެސްއީ ގެ ސެޓްފިކެޓު ހަވާލުކޮށްފައިވަނީ އެމްއެސްއީގެ ސީއީއޯ ހަސަން މަނިކުގެ އިތުރުން ކަސްޓަމް ކޮމިޝަންސްގެ ޖެނެރަލް އިބްރާހިމް ޝަރީފެވެ. ސްޕެކްޓްރާގެ ފަރާތުން ސެޓުފިކެޓާ ހަވާލުވެފައިވަނީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މައުމޫނެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މައުމޫން ވިދާޅުވެފައިވަނީ އެ ކުންފުނި އުފެދުނުތާ ދޮޅު އަހަރެެއްހާ ދުވަހުގެ ތެރޭގައި ހިއްސާ ވިއްކުމަށް މަސައްކަތް ވަނީ ފަށާފައިކަމަށެވެ. އަދި ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކުރުމުގެ ކުރިން ކޯޕަރޭޓް ގަވަނަންސް ކޯޑާ އެއްގޮތްވާ ގޮތަށް ކުންފުނީގެ ހިންގުން ބަދަލުކޮށްފައިވެސް ވާނެކަމަށެވެ.

"އަޅުގަނޑުމެންގެ ކިބައިގައި ޕަބްލިކް ލިސްޓެޑް ކުންފުންޏަކަށް ބަދަލުކުރުމުގެ ގާބިލްކަން އެބަހުރި. އެހެންވެ އަޅުގަނޑުމެން މި މަސައްކަތް ފެށީ ވެސް،" މައުމޫން ވިދާޅުވި އެވެ.

spectra1

ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ ހަސަން މަނިކު ވިދާޅުވީ އަލަށް ހެދި އުސޫލްގެ ދަށުން ފުރިހަމަ ލިސްޓެޑް ކުންފުންޏަކަށް ސްޕެކްޓްރާ ބަދަލުކުރުމަށް ތިން އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. ނަމަވެސް ކުންފުނީން ބުނެފައިވަނީ އެމީހުންނަށް ބޭނުންވަނީ އެކަން ކުރުމަށް އެންމެ އަހަރު ދުވަހުގެ މުއްދަތެއްކަމަށެވެ.

އަދި ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން މިފަދަ ކަމަކަށް އަމިއްލައަށް އިސްނަގައިގެން ކުރުމަކީ ވިޔަފާރީގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށްވެސް ހަސަން މަނިކު ވަނީ އިތުރުކޮށް ކުންފުންޏަށް ތައުރީފުކޮށްފައެވެ.

ސްޕެކްޓްރާ އިން ހިއްސާގެ ބާޒާރުގައި ލިސްޓްކުރިއިރު އެ ކުންފުނިން ހިއްސާ ވިއްކަން ހަމަޖައްސާފައިވާ އުސޫލްތަކެއް އަދި އަގުތަކެއް ވެސް އަދި ހާމަކޮށްފައެއްނުވެ އެވެ.