ސަރުކާރު ހިންގާ މައި ޕާޓީގައި ރެނދުގައި، އެ ޕާޓީ ބައިބައިވެފައި ވަނިކޮށް، ޕީޕީއެމްގެ ރައީސް އަދި ކުރގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް އެ ޕާޓީގެ އިސް ބޭފުޅުން އިހުތިރާމް ކުރައްވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީީޕީ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޕީޕީއެމްގެ ސީނިއާ ބޭފުޅުން މައުމޫނަށް ގަދަރު ކުރަން ޖެހޭ ކަމަށާއި ސަބަބުތައް އެ ބޭފުޅުންނަށް އެނގިލައްވާނެ" ކަމަށެވެ.
ޕީޕީއެމް ބައިބައިވެރި ޕާޓީ މިހާރު ވަނީ ދެ ފެކްޝަނަަކަށް ބެހިފަ އެވެ. އެއީ މައުމޫންގެ ފެކްޝަނާއި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނެެވެ.
ޕާޓީގެ ތެރޭގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން މައުމޫން ރޭ ދިގު ބަޔާނެއް ދެއްވާފައި ވަނިކޮށް، އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ވަނީ މައުމޫން ޕާޓީން އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައްވައިފަ އެވެ.
އަދި އުމުރުން 65 އަހަރުވެފައިވާ މީހަކަށް ޕާޓީގެ ރައީސްގެ މަގާމުގައި ނުހުންނެވޭ ގޮތް ހެދުމަށް މަޖިލީހަށް އިސްލާހެއް ހުށަހެޅުމަށް ވެސް މެމްބަރުން ވަނީ ނިންމައިފަ އެވެ.
PPM ge Senior beyfulhun @maumoonagayoom ah gadharu kuranjehe. Sababu tha ebeyfulhun na engilavvaane. @ahmed_nihan @Banafsaa @Lawyer_Waddey
— Ali Nizar (@DhekunuNizar) June 30, 2016
މިކަމާ ގުޅިގެން ނިޒާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަރުދުންނަަށް ޖެއްސުން ކުރުމަށް ގާނޫނަށް ބަދަލު ގެނައުމަކީ ނާތަހުޒީބު ލަދުވެތި ކަމެއް ކަމަށެވެ.
މައުމޫން ރޭ ވިދާޅުވި ގޮތުގައި ޕީޕީއެމްގެ އެތެރޭގެ ކަންކަން އޮތީ ބޮއްސުން ލައިފައި އެވެ. އަދި ޕާޓީ އިސްލާހު ކުރުމުގެ މަސައްކަތް އެ މަނިކުފާނު މިހާރު ފައްޓަވައިފަ އެވެ.
"ފަހަކަށް އައިސް ޕާޓީގެ ޑިމޮކްރެޓިކް ހަރަކާތްތައް މި ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައި. ޕާޓީގެ ތަސައްވުރު ވެސް މި ވަނީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި ކިލަނބުވެފައި. ހިތާމަޔާ އެކު ދަންނަވާލަން ޖެހޭ ހަގީގަތަކީ، އަޅުގަނޑު، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން، ލިޔުމުން، ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަށް [އަހުމަދު ނިހާނަށް] ދަންނަވާފައިވާ ގޮތާ ޚިލާފަށް އޭނާ އަމަލު ކުރައްވާފައިވެއޭ،" މައުމޫން ވިދާޅުވި އެވެ. "އަސާސީ ގަވައިދުގައި އޮތް އިރު ވެސް ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ޕާޓީއެއްގެ ގޮތުގައި އޮވެމެ ޕާޓީގެ އަސާސްތަކާ، މަގުސަދުތަކާ ފުށު އަރާ ގޮތަށް ޕީޖީ ގުރޫޕުން އަމަލު ކުރުމަށް ވިޕްލައިންތައް ކަނޑައެޅިގެންދޭ. މިފަދަ ނިންމުންތަކަކީ ސައްހަ ނިންމުންތަކަކަށް ނުވާނެ."
އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ ތެރޭގައި މިހާ ބޮޑެތި މައްސަލަތަކެއް އުފެދުނީ 2018 ގެ ރިޔާސީ ކެންޑިޑޭޓްގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީން ބޭނުންވެވަޑައިގަންނަވާތީ އެވެ.
އެހެން ނަމަވެސް އެ މަނިކުފާނަކީ މިހާތަނަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ކޮޕަރްޝަނާއި ފަސާދައިގެ ތުހުމަތުތައް އެންމެ ބޮޑަށް އެޅުވިފައިވާ ލީޑަރެެވެ.